ކުޅުދުއްފުށީ ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މާސްޓާޕްލޭން އެކުލަވާލައިފި އެވެ.
އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ އެ ދެ ޕޯޓުގެ މާސްޓާ ޕްލޭން އެކުލަވާލާ ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރާ ހިތަދޫ ބަނދަރުގެ އެކްސްޕެންޝަންގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ތިން އަހަރު ވެދާނެ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށީ ޕޯޓަށް މިހާރު ބޯޓު ފަހަރު ކައިރި ކުރެވޭ ކެޕޭސިޓީ އިތުރުކޮށް އަދި ހިތަދޫ ޕޯޓު ސަރަހައްދަށް ބޯޓުތަކަށް ރައްކާތެރިކޮށް ކައިރިވެވޭ ގޮތަށް ހަދަން ފެސިލިޓީތައް ހަދަން މަަސައްކަތް ކުރާ ކަމަށެވެ.
"ޖުމްލަކޮށް ދެ ޕޯޓުގެވެސް މާސްޓާ ޕްލޭން ހަދާ ނިމިފައި މިހުރީ. ހިތަދޫ ޕޯޓުގެ އެއީ ޑިޒައިން ފައިނަލްކުރެވި އެ ޑިޒައިނަނަށް އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވި ކުރިއަށް އެބެ ގެންދޭ.ކުޅުދުއްފުށީ ޕޯޓުގައި މާސްޓާ ޕްލޭން ހަދައި ސާވޭ ކުރުމާއި އަދި ޑިޒައިންއަށް ކޯސްޓިން ހެދުމާއި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން. ދެން ހިތަދޫ ޕޯޓުގައި މިހާރު އީއައިއޭ ޕްރޮސެސް ނިމުނީމަ ހަމަ މަސައްކަތް ފަށައިގަތުމުގެ މަރުހަލާއަށް ދެވޭނެ. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރުގެތެރޭގައި ފެށީގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.
ރާޅު ހުންނަ ގޮތުން ވަކި ދުވަސްވަރެއްގައި ހިތަދޫ ބަނދަރަށް މިހާރު ވެސް ބޯޓުތަކަށް ކައިރިއެއް ނުކުރެވެ އެވެ. އަދި ކުޅުދުއްފުށި ބަނދަރަށް މިހާރު ކީވޯލްގެ ގްރާފްޓާއި ކީވޯލްގެ ލެންތައް ބަލާލާއިރު އެކަށީގެންވާ ސައިޒުގެ ބޯޓެއް ކައިރިއެއް ނުކުރެވެ އެވެ.
ނަމަވެސް މި ދެ ބަނދަރުގެ މަސައްކަތް މިހާރު ޕްލޭންކޮށްފައި އޮތް ގޮތަށް ނިމުމުން ދެ ބަނދަރަށްވެސް މުދާ ގެންދިއުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ބަނދަރުތަކުން ދޭ ހިދުމަތް ރަނގަޅު ކުުރުމުގެ ގޮތުން ހިތަދޫ ބަނދަރާއި ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މަސައްކަތް ފެއްޓުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސަން ފިނޭންސް މިނިސްޓްރީއަށް އަންގަން މިދިޔަ ހަފްތާގައި މަޖިލީހުން އޮތީ ފާސްވެސް ކޮށްފައެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާ އާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރަމުން ގެންދާ ފެރީ ދަތުރުތަކުގެ ފީތައް ބޮޑުކޮށްފައިވާތީ އެކަންވީ ގޮތް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ބަލައި އެކުލަވާލި ރިޕޯޓުގައި ހުށަހަޅާފައިވާތީ އެވެ.
މަޖިލީހިގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓުޓިކޮރިން އާއި ހިތަދޫއާ ދެމެދު 20 ދުވަހުން ދަތުރެއް ކުރަން އެމްއެސްއެސްގެ ބޯޓުތަކުން ޕްލޭންކުރި ނަމަވެސް ހިތަދޫ ބަނދަރުގެ ފެންވަރު ދަށްވުމުން އެ މުއްދަތުގެ ތެރޭގައި ދަތުރުތަކެއް ނުކުރެވެ އެވެ. އަދި ބޯޓު ހުސްކުރަން އެކަނި ވެސް ދެ ހަފްތާއެއްހާ މުއްދަތު ހޭދަވެއެވެ.
އެހެންވެ ދަތުރުތަކުގެ މުއްދަތު ދިގުވެ ހަރަދު ބޮޑުވުމާއި ދުނިޔޭގެ މާކެޓްގައި ކޮންޓެއިނާ މުދާ އުފުލައިދޭ އަގުތައް ބޮޑުވުމާ ގުޅިގެން ފްރައިޓްގެ އަގު ބޮޑުކުރަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް މަޖުބޫރުވި އެވެ.