ރައްޔިތުންގެ މަޖިލިސް

ދެ ވިޔަފާރި ބަނދަރެއް އިތުރަށް ތަަރައްގީކުރަން ފައިސާ ހަމަޖައްސަން އަންގަން މަޖިލީހުން ފާސްކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަދި ކުޅުދުއްފުށި ސީޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީކުރަން ފައިސާ ހަމަޖައްސަން ފިނޭންސް މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)އިން އިންޑިއާ އާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރަމުން ގެންދާ ފެރީ ދަތުރުތަކުގެ ފީތައް ބޮޑުކޮށްފައިވާތީ އެކަންވީ ގޮތް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ބަލައި އެކުލަވާލި ރިޕޯޓުގައި އެގޮތަށް ހުށަހަޅާފައިވާތީ އެވެ.

އިއްޔެ މަޖިލީހުގެ ތަޅުމުން އެ ކޮމިޓީ ރިޕޯޓް ފާސްކުރީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓުޓިކޮރިންއާައި ހިތަދޫއާ ދެމެދު 20 ދުވަހުން ދަތުރެއް ކުރަން އެމްއެސްއެސްގެ ބޯޓުތަކުން ޕްލޭންކުރި ނަމަވެސް ހިތަދޫ ބަނދަރުގެ ފެންވަރު ދަށްވުމުން އެ މުައްދަތުގެ ތެރޭގައި ދަތުރުތަކެއް ނުކުރެވެ އެވެ. އަދި ބޯޓު ހުސްކުރަން އެކަނި ވެސް 14 ވަރަކަށް ދުވަސް ނަގަ އެވެ.

އެހެންވެ ދަތުރުތަކުގެ މުއްދަތު ދިގުވެ ހަރަދު ބޮޑުވުމާއި ދުނިޔޭގެ މާކެޓްގައި ކޮންޓެއިނާ މުދާ އުފުލައިދޭ އަގުތައް ބޮޑުވުމާ ގުޅިގެން ފްރައިޓްގެ އަގު އެމްއެސްއެސްއިން ބޮޑުކުރީ އެވެ.

އެހެންކަމުން ބަނދަރުތަކުން ދޭ ހިދުމަތް ރަނގަޅު ކުުރުމުގެ ގޮތުން ހިތަދޫ ބަނދަރާއި ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކުލަވާލަވާފައިވާ މާސްޓަރ ޕްލޭންގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސަން ފިނޭންސް މިނިސްޓްރީއަށް އަންގަން އިއްޔެ މަޖިލީހުން ފާސްކުރި އެވެ.

ކޮމިޓީން ނިންމި އިތުރު ނިންމުންތައް

ބަނދަރުތަކުގެ ގާނޫނެއް 150 ދުވަހުގެ ތެރޭގައި އެކުލަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އެންގުމަށް
ހިތަދޫ ބަނދަރުގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް، އެ ބަނދަރުގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޕީއެލްއާ ގުޅިގެން ކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން އަށް އެންގުމަށް