ހދ. ކުޅުދުއްފުށި ރީޖަނަލް ޕޯޓާއި އައްޑޫ ރީޖަނަލް ޕޯޓު ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ތުހުމަތު ކުރައްވައިފި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ ސަރަހައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަހައްދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެ މަސައްކަތް ހަލުވިކުރުމަށް ގޮވާލާ ގަރާރުގެ ބަހުސްގައި މެންބަރު އިލްޔާސް ވިދާޅުވީ ޕޯޓުތައް ތަރައްގީކުރަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަޅުގަނޑުމެން ގޮސް ރައީސުލްޖުމްހޫރިއްޔާ އަރިހު ތިން ފަހަރު ދަންނަވައިފިން އައްޑޫ ޕޯޓަށް ބޭނުންވާ 70 މިލިއަން ރުފިޔާ ބޭނުންވެޔޭ ބަޖެޓުގައި ޖަހަން،" އިލްޔާސް ވިދާޅުވި އެވެ.
ކޮންޓިންޖަންސީގެ ތެރެއިން އެކަން ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް އެކަން ހަމަނުޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާ އެކު ދެ ފަހަރު ރައީސްއާ ބައްދަލުކުރެއްވި ކަމަށާއި އޭރުވެސް އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އައްޑޫ ބަނދަރަށް ބޭނުންވާ 70 މިލިއަން ރުފިޔާ ހަމަނުޖެހި ފަސް އަހަރުވެފައިވާ ކަންވެސް އިލްޔާސް ފާހަގަކުރެއްވި އެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން އިލްޔާސް ވިދާޅުވީ ތިނަދޫގައިވެސް ބަނދަރު ހަދަންޖެހޭ ކަމަށާއި އެކަމަކު އެތަންވެސް ހިއްކާތާ ތިން-ހަތަރު ވެފައިވާ ކަމަށެވެ.
ހދ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތައް ހިންގަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުންނެވެ.