މާލެއަށް ސިއްހީ ހިދުމަތް ތޮއްޖެހިފައި އޮތުން ބަދަލު ކުރުމުގެ ގޮތުން އަތޮޅުތަކުގެ ފަސް ސަރަހައްދެއްގައި ތަރައްގީ ކުރަން މި ސަރުކާރުން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމަން ވަރަށް ބޮޑަށް ހިތްވަރު ކޮށްގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީން ހާޒިރުވެ އިންނެވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ. އެ ދެ މެންބަރުންނާއި އެހެން ގިނަ މެންބަރުން ވެސް ވަނީ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުތަކުގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ފަސް ޓާޝަރީ ހޮސްޕިޓަލް ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ބާރަށް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 ޕަސެންޓް އެ ސަރަހައްދުތަކަށް މިހާރު ވެސް ފޮނުވިފައިވާނެ ކަމަށެވެ.
އެ ފަސް ހޮސްޕިޓަލްގެ އުމްރާނީ ވަސީލަތްތައް އިތުރު ކުރުމަށް އެ ތަންތްނުގެ އިމާރާތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް މިދިޔަ އަހަރު ތެރޭގައި ފެށިފައި ވާނެ ކަމަށެވެ. ކުރިން އަންދާޒާ ކުރީ މި އަހަރުގެ މެދަކާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން މަޑުޖެހުމަށް އައީ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިއްހީ ހިދުމަތް އަތޮޅުތެރެއަށް ފެތުރުމަށް ޓަކައި ރައީސް ކުރައްވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ވެސް ދަނީ މަސައްކަތް ކުރަމުން. މި ވިސްނުން ހަގީގަތަކަށް ހެދުމަށް މި އަހަރުގެ ތެރޭގައި އަދިވެސް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ހިތްވަރު ގެއްލުވާ ނުލައި މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާާވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.
މި ފަސް ހޮސްޕިޓަލްގެ އިތުރުން މާލެ އަތޮޅުގެ ސިއްހީ ހިދުމަތް ވެސް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން މާފުށީ ހޮސްޕިޓަލްގެ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބޭނުމަކީ މާލެ އަތޮޅުން ވެސް މާލެއަށް ސިއްހީ ހިދުމަތްތައް ތޮއްޖެހިގެން ނުދިއުން ކަމަށެވެ.