ލ. ގަމު ހޮސްޕިޓަލުގެ ތިން މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ޕަވަ ހައުސްއެއް އިމާރާތް ކުރުމަށާއި އެ ހޮސްޕިޓަލުގެ އާ ވިންގު ޑިޒައިންކުރުމުގެ އިތުރުން އެ ހޮސްޕިޓަލުގެ ވޯޑުތައް އެއާކޮންޑިޝަން ކުރުމަށެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޕަވަ ހައުސް އިމާރާތް ކުރުން ހަވާލުކޮށްފައިވަނީ އައިރިން އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ 67 ދުވަހުގެ މުއްދަތަކަށެވެ.
ގަމު ހޮސްޕިޓަލުގެ އާ ވިންގް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދަން ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތް ނިންމުމަށް 40 ދުވަސް ދީފައި ވެ އެވެ. އަދި ހޮސްޕިޓަލުގެ އާ ވިންގުގެ ވޯޑުތައް އޭސީ ކުރުމަށް ހަވާލުކޮށްފައިވަނީ ޕްރައިވެޓް ކުންފުނި ޕްރޯ އޭސީ އެންޑް އިންޖިނިއަރިންގް އާއެވެ. މި މަސައްކަތަށް 120 ދުވަސް ދީފައިވެ އެވެ.
މީގެ އިތުރުންވެސް ދެ ރީޖަނަލް ހޮސްޕިޓަލެއްގެ ވޯޑުތައް އޭސީ ކުރުމަށް މިއަދު ސޮއި ކުރި އެވެ. އެގޮތުން، ގދ. ތިނަދޫގެ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްވެސް މިއަދު ސޮއި ކުރި އެއްބަސްވުންތަކުގައި ހިމެނެ އެެވެ.
ތިނަދޫ ހޮސްޕިޓަލުގެ ވޯޑުތައް އޭސީ ކުރަން 90 ދުވަސް ދީފައިވާއިރު އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތް ނިންމަން ދީފައިވަނީ 120 ދުވަހެވެ.