ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީ ވަގުތު އިތުރުކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ފަސް ރީޖަނަލް ހޮސްޕިޓަލުން ދެ ދަންފަޅިއަށް ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން މީގެ ކުރިން އެއް ދަންފަޅިއަށް ހިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފަ އެވެ.
އެ ހޮސްޕިޓަލްތަކަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ރީޖަނަލް ހޮސްޕިޓަލް ތަކުން ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށުން އެތަންތަނުން ހިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.