ހަބަރު

ފަސް ރީޖަނަލް ހޮސްޕިޓަލަކަށް ހެލްތް އޮފިސަރުން ހޯދަނީ

ފަސް ރީޖަނަލް ހޮސްޕިޓަލަށް ސީނިއާ ހެލްތު އޮފިސަރުންނާއި ކޮމިއުނިޓީ ހެލްތް އޮފިސަރުން ހޯދަން ހެލްތް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

މިނިސްޓްރީން ކުރި ދެ އިއުލާންގައިވާ ގޮތުން ހެލްތު އޮފިސަރުން ހޯދާ ފަސް ހޮސްްޕިޓަލަކީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.

މި ފަސް ހޮސްޕިޓަލަކީ، އަތޮޅުތަކުގެ އެކި ސަރަހައްދުތަކުން މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް ހިދުމަތް ހޯދަން އަންނަ އައުން މަދު ކުރުމުގެ ގޮތުން މަތީ ފެންވަރުގައި ތަރައްގީ ކުރަން ސަރުކާރުން އިއުލާން ކޮށްފައިވާ ފަސް ހޮސްޕިޓަލެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އެއް އިއުލާންގައި ބުނެފައި ވަނީ، އެއިން ކޮންމެ ހޮސްޕިޓަލަކަށް ދެ ސީނިއާ ހެލްތް އޮފިސަރުން އައްޔަން ކުރަން ނިންމާފައިވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސީނިއާ ހެލްތް އޮފިސަރަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 9535 ރުފިޔާ ލިބޭނެ އެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ ދެވަނަ އިއުލާނެއްގައި ބުނެފައި ވަނީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އެއް ކޮމިއުނިޓީ ހެލްތް އޮފިސަރަކު ބޭނުންވާތީ އާއި ދެން ހުރި ކޮންމެ ހޮސްޕިޓަލަކަށް ދެ ކޮމިއުނިޓީ ހެލްތް އޮފިސަރުން ބޭނުންވާތީ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ކޮމިއުނިޓީ ހެލްތް އޮފިސަރަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 8795 ރުފިޔާ ލިބޭނެ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލެވެ. އަަދި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަގާމުތަކަށް މީހަކު ހޮވަން އިންޓަވިއު ކުރާނެ ކަމަށް ހެލްތް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.