ޑރ. އަބްދުﷲ މައުސޫމް

އައްޑޫއަށް އުއްމީދެއް، ޝަންގްރިލާ މިއަހަރު ހުޅުވަނީ

އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ޝަންގްރިލާ މިއަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް އެ އުއްމީދު ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޝަންގްރިލާ ހުޅުވުން އަޅުގަނޑު އުއްމީދު ކުރިން މިދިޔަ އަހަރުވެސް ހުޅުވޭނެ ކަމަށް. އޭގެ ކުރީ އަހަރުވެސް ހުޅުވޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ވިޔަފާރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަންތައް ސަރުކާރުން ވަނީ ޝަންގްރިލާ އަށް ކޮށްދީފައި ކަމަށެވެ. އެގޮތުން ވިދާޅުވީ އެ ރިސޯޓްގެ ކުލި ވަރަށް ބޮޑުތަނުން ކުޑަ ކޮށްދީފައިވާނެ ކަމަށެވެ.

ޝަންގްރިލާގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މަޖިލިސް މެންބަރުންނާއި އައްޑޫ ކައުސިލް މެންބަރުންނާ ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި މި މަޝްވަރާތައް ނިމުމުން ރިސޯޓް އަލުން މަރާމާތުކޮށް މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވެނޭ ކަމަށް ބެލެވެ ކަމަށް ވިދާޅުވި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަންގްރިލާގައި ހުރި ސަރުކާރުގެ ހިއްސާ ވިއްކާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުންދާ ރިއޯލޯ މޯލްޑިވްސް ކުންފުންޏަށެވެ.

މެންބަރު އަހްމަދު ރަޝީދުގެ ސުވާލަށް މިނިސްޓަރު މައުސޫމް ސާފު ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސުވާލަކީ 'ޝަންގްރިލާ ހުޅުވޭނީ ކޮން ދުވަހަކުންތޯ' ކަމަށް ރައީސް ނަޝީދު އެއްސެވި އެވެ.

ރައީސް ނަޝީދަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިލާ މިއަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އައްޑޫގައި ތަރައްގީ ކުރާ ހަންކެޑެ ރިސޯޓްގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ މައުސޫމާ ސުވާލު ކުރައްވާފަ އެވެ.

"ހަންކެޑެ ވަކިން ހެދުމުގެ ޕްރޮޖެކްޓް މިހާރު އިއުލާން ކުރެވި ފައިނޭންސް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަނީ،" މައުސޫމު ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އައްޑޫގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝަންގްރިލާ ހުޅުވާނެ ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދު ވަނީ ޝަންގްރިލާ ހުޅުވުމުގެ މަސައްކަތް ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.