ޑރ. އަބްދުﷲ މައުސޫމް

ތުހުމަތުތަކަށް މައުސޫމު ނުސީދާކޮށް ދެކޮޅު ހައްދަވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭގޮތުން ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާ ނަމަވެސް އެމަނިކުފާނުގެ ސީވީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށް މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އިއްޔެ ކުރި ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.

މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ބަހުސަށް ހުޅުވާލުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރަކު ވިޔަފާރިއެއްގަ ބައިވެރި ވެގެން ނުވާނެ ކަމަށެވެ.

އެކަން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް ސާފުކޮށް ދެއްވުމަށް ރިޔާސަތުން އެދުމުން ފަލާހް ވިދާޅުވީ، ކޮމިޓީން ރުހުން ދިނުމުގެ ކުރިން ކުންފުންޏެއްގެ އެމްޑީގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވިއިރު، މައުސޫމު ހުންނެވީ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ކަމަށެވެ.

އެއާއެކު އެ މައްސަލަ ވަނީ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.

އެކަމާއި ގުޅޭގޮތުން މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ އޭނާގެ ސީވީއަކީ ކޮންމެ މީހަކަށް ވެސް ފެންނާނެހެން "ދޫކޮށްލާފައި" އޮންނަ އެއްޗެއް ކަމަށެވެ. މިވަގުތު ކުރައްވާ މަސައްކަތްތައް އެއިން ފެންނަން އޮންނާނެ ކަމަށެވެ. އަދި ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ހުންނެވި ކަމަށް ނުސީދާ ގޮަތަކަށް އިންކާރު ކުރެއްވި އެވެ.

"އަޅުގަނޑު ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ ސީވީއެއް އިނގޭތޯ. ތިޔަ ބޭފުޅުން ލިންކްޑިން ބަލާލިޔަސް ފޭސްބުކް ބަލާލިޔަސް އަޅުގަނޑުގެ ސީވީއާއި އެއްޗެހި ފެންނަން ހުންނާނެ. އަޅުގަނޑުގެ ސީވީގައި އެ ހުރީ އަޅުގަނޑު ކުރާ މަސައްކަތްތަކާއި ހުރިހާ އެއްޗެއް ލިޔެފައި،"

އެ ސުވާލަކަށް ސާފު ޖަވާބެއް ދެއްވުމަށް އެދިވަޑައިގަތުމުން މައުސޫމް ވަނީ ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ޔަގީނުން ވެސް ސީވީ ބަދަލު ކުރައްވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ސީވީ ބައްލަވާ ލައްވާ. ބައެއް ކަންކަން ހުންނާނެ އިދާރީ ގޮތުން ކިހިނެތްތޯ ކަމެއް ގޮސްފައި އޮތިއްޔާ އޭގެ އަސްލާ އެ ހުރިހާ އެއްޗެއް އޮންނާނެ. އަޅުގަނޑު ތި ކަމާއި ގުޅޭގޮތުން ކޮމެންޓެއް ނުކުރާނަން. އަޅުގަނޑުގެ ސީވީ ޔަގީނުން ވެސް ލިންކްޑިންގައި ބަދަލެއް ނުކުރަން. މިފަހުން ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެފައި އެކަން ބަދަލު ކޮށްލާފައި ހުންނާނެ،"

އަޅުގަނޑު ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ ސީވީއެއް އިނގޭތޯ. ތި ބޭފުޅުން ލިންކްޓިން ބަލާލިޔަސް ފޭސްބުކް ބަލާލިޔަސް އަޅުގަނޑުގެ ސީވީއާއި އެއްޗެހި ފެންނަން ހުންނާނެ. އަޅުގަނޑުގެ ސީވީގައި އެ ހުރީ އަޅުގަނޑު ކުރާ މަސައްކަތްތަކާއި ހުރިހާ އެއްޗެއް ލިޔެފައި
ޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މަޖިލީހުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މައުސޫމުގެ މައްސަލައާއި ގުޅިގެން މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެގޮތުން، އެއް ބައި މެންބަރުން ވިދާޅުވީ، މާލީ މަންފާއެއްގެ ވާހަކަ ގާނޫނު އަސާސީގައި ބުނާތީ، އަލުން ހުވާ ނުކުރައްވައި، މައުސޫމަށް މަޖިލީހުން ރުހުން ދެވިދާނެ ކަމަށެވެ.

ނަމަވެސް، އަނެއް ބައި މެންބަރުން ވިދާޅުވީ، ހުވައާ މެދު ސުވާލު އުފެދިފައި ވަނިކޮށް، މައުސޫމް މަގާމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކާމެދު ސުވާލެއް އުފެއްދުމުގެ ފުރުސަތު ނުދީ، އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެއާއެކު، ދިއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވީ، ހުވައާ މެދު ސުވާލު އުފެދިފައިވާތީ، ވަޒީރު ކަމުގެ ހުވާ އަލުން ކުރެއްވުމަށް ފަހު އަނބުރާ އެ މައްސަލަ މަޖިލީހަށް ފޮނުއްވަން ކޮމިޓީން ރެކަމެންޑޭޝަނެއްގެ ގޮތުގައި ރައީސަށް ފޮނުވުމަށެވެ.

އެ ހުށަހެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުހައްމަދުދީދީ ތާއީދު ކުރެއްވުމުން، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން މައުސޫމް ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަލުން ހުވާ ކުރައްވަން މަޖިލީހުގެ ކޮމެޓީން ނިންމި ނިންމުމާމެދު ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.

"އިތުރު ކޮމެންޓެއް އަޅުގަނޑު ނުކުރާނަން،"