ޑރ. އަބްދުﷲ މައުސޫމް

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި މައްސަލަ ދިރާސާ ކުރަން އެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިއަ ޖުލައި މަހުގެ ނުވަނަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށް ހަމަ އެ ދުވަހު އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަގުތީ ގޮތުން މިނިސްޓްރީ ހަވާލުކޮށްފައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ލިިބިފައިވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު މައުސޫމަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މައުސޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީގައި އާބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ހާއްސިލު ކުރައްވާފައިވާ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަމާއި ސަން އައިލެންޑް ރިސޯޓްގެ ކުރީގެ މެނޭޖަރުކަން ވެސް ކުރެއްވެވި މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގަ އެވެ. -- ސަފީރުކަމުގެ މަގާމަށް މައުސޫމް ވަޑައިގެންނެވީ ފެބުރުއަރީ 18، 2019 އިގަ އެވެ. އޭގެ ކުރިން މައުސޫމް ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ފުރައްސާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގަ އެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.