މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ހިތަދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ފަށަނީ

Oct 6, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުންދާ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް އުއްމީދު ކުރައްވާ ކަމަށް އެމްޕީއެލް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ހިތަދޫ ބަނދަރާއި ހދ. ކުޅުދުއްފުށީގައި އެމްޕީއެލް އިން ހިންގަމުންދާ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

ޝާހިދު ވިދާޅުވީ ބަނދަރުގެ ތަރައްގީގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް އެމްޓީސީސީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަނދަރުގެ މާސްޓާ ޕްލޭން ހެދުމަށްފަހު ބަނދަރުގެ ޑިޒައިނާއި، އީއައިއޭގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށާއި ބަނދަރަށް ހަރަދު ވާނެ ވަރުވެސް ބަލާފައިވާ ކަމުގައި ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ހދ. ކުޅުދުއްފުށި ބަނދަރު ތަރައްގީކުރުމާ ގުޅޭ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ބަނދަރުގެ މާސްޓާ ޕްލޭން ހަދާފައިވާއިރު އީއައިއޭގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މާލޭގައި ހިންގާ އެމްޕީއެލްގެ މައި ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް އެ ބަނދަރު ތަރައްގީކުރުމާ ގުޅޭ މަސައްކަތްތައް ވެސް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ދުވަހެއް ކަމާ ގުޅޭ އިދާރާތަކުން އަދި ބުނެފައެއް ނުވެ އެވެ.