ހިޔާނާތް

ކެމްޕޭނަށް އެމްޕީއެލްގެ މުވައްޒަފުންތަކެއް ވީއްލި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

އައްޑޫ ސިޓީ، ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ކުރީގެ އެސިސްޓެންޓު މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާކޮށް ދިނުމަށް އެދިއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނި ގޮތުގައި މުހައްމަދު ރަޝީދުގެ މައްޗަށް ކުރެވިފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ތުހުމަތު ކަމަށެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ މުހައްމަދު ރަޝީދުގެ އެންގުމަކަށް، އެ ކުންފުނީގެ މުވައްޒަފުންތަކަކަށް އެއްވެސް ޗުއްޓީއެއް ނެގުމަކާ ނުލާ އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް ހަދައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕޭނަށް ވަޒީފާއިން ވީއްލުމަށް ފަހުގައިވެސް އެ މުވައްޒަފުންނަށް މުސާރައިގެ އެލަވަންސް ދީފައިވާ ކަމަށް ބުނެ އެވެ.

އަދި ބުނެފައި ވަނީ އެކަން އޭނާ ކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި، މުހައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗްއާރު މެނޭޖަރަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަމަށް ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށެވެ.

އަދި ބުނެފައިވަނީ އެ މުވައްޒަފުން ވާޒީފާއަށް ހާޒިރު ނުވާ ދުވަސްތަކަށް ވެސް މުސާރައިގެ އެލަވަންސް ދީފައިވާކަން ހާމަވެފައިވާ ކަމަށެވެ.

މީގެ އިތުރުން، އޭސީސީން ބުނީ ނުފޫޒު ބޭނުންކޮށްގެން ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނައުމަށް މުހައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން ވެސް އެ މައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އޭސީސީން މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފައި އެވެ.