ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކަރަންޓަށް 40، ފެނަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ ރައީސް ސޯލިހް މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލްވުމުގައެވެ. ރައީސް ވިދާޅުވީ ގޭބީސީތަކަށް ދޭ ލުއިތަކާއެކު ވިޔަފާރިތަކަށްވެސް ކަރަންޓާއި ފެނުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ލުއިދޭން ނިންމީ ރައްޔިތުންނަށް ދިމާވެފައިވާ މި ހާލަތުގައި ލުޔެއް ދިނުމުގެ ގޮތުން ނިންމި ނިންމެއް ކަމަށެވެ. އެ ލުއި ދޭނީ އަންނަ މަހުގެ ބިލުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ގެއްލުންވާނެތީ މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ފެން ބިލްތަކުން 30 ޕަސެންޓް އަދި ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް އެޕްރީލް އަދި މެއި މަހު ދީފައެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށްޓަކައި މިހާލަތުގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފިޔަވަޅުތައް އަޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން ރިލީފް ލޯންގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޫކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ލޯން ދޫކުރުމަށް ހަމަޖައްސާފައިވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން ޖިމް ކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ރައީސް ވިދާޅުވީ ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ޖޫން މަހު ލޯންތައް ދޫކުރަން ފެށޭވަރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. 20 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ހުރިހާ ބޭފުޅުން ވެސް ވަކިން ހާއްސަކޮށް އަމިއްލަ ފަރާތްތަކުން މިދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި އަތުކުރި އޮޅާލުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"ސަރުކާރުން މިހާރު އަޅަމުން ގެންދާ ފިޔަވަތަކާ އެކު މާގިނަ ދުވަހެއް އާންމު ހާލަތަށް އައުމުގެ ފުރުސަތު ބޮޑު،" ރައްޔިތުންނަށް އުއްމީދެއް ދެއްވަމުން ރައީސް ވިދާޅުވި އެވެ.