ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ދީލަތި އެހީތަކެއް ލިބިއްޖެ: ރައީސް

ދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް ދިވެހި ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ދިވެހި ގައުމާއި މުހާތަބުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުގައި ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވާ އެ ގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން އިންޑިއާ އާއި ޖަޕާން އާއި އެމެރިކާ އާއި ޔޫއޭއީ އާއި ޗައިނާ އާއި ބަނގްލަދޭޝް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް ދިވެހި ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.

"އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިއްޖެ. އެންމެ ގިނަ އަދަދަކަށް ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިގްތިސާދީ ގެއްލުން ކުޑަކުރުމަށް 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި. ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ހަދިޔާ ކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން. ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ގައުމުން ހަމަޖައްސައިދިން. މިއީ ކޯވިޑުގެ ތެރޭގައި އެހެން އެއްވެސް ގައުމަކަށް އިންޑިއާއިން ނުދޭ ފުރުސަތެއް،" އިންޑިއާގެ އެހީތެރިކަމަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑްގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރި ކުރުމަށާއި އެނދުމަތި ކުރަން ޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދު ކުރުމަށް. އަދި ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިޔުމަށް. އެހެންކަމުން ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާނު ކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ މާހިރުންގެ ލަފާގެ މަތިން މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް ކޯވިޑުގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރު ރާއްޖޭގައި ގާއިމުކޮށް އެ ބަދަލުތައް ދެނެގަނެ ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބަލީގެ ހާލަތު ނުރައްކާތެރިވާ ފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ އެކަމަކަށް ރިއާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީ އާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު މުޅި ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމަށާ މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހާލަތުގައިވެސް ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

"ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށް ދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިޒޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު،"

ރައީސް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެންނައިރު މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށެވެ. މިކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.