ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ޖުލައި އެކަކުން މާލެއަށް ލުއިތަކެއް، ޕާމިޓް އުވާލަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކާފިއު ވަގުތު ރޭގަނޑު 8 އިން ފަތިހު ހަތަރަކަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ.

އަދި ބުރާސްފަތި ދުވަހު ނަމާދުގެ ޖަމާއަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަދި ޖަމާއަތް ކުރިއަށް ގެންދާނީ ގައިދުރު ކަމާއެކުގައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.

ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެއީ ހުރިހާ ރަށަަކަށް ނުވަތަ ވަކި ރަށްތަކަކަށް ދިން ލުޔެއް ކަމަކަށް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަލުން ވިސާ ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު ވިސާ ދޫކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ނިންމި ނަމަވެސް އެކަން ފަށާނީ ކުރިއަށް މިއޮތް ދުވަސް ތަކުގެ ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ވަމުންދާ ގޮތް އަދިވެސް އިތުރަށް ބެލުމަށްފަހު ކަމަށެވެ.

ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭނެ ކަމުގައި ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފެށުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި އޭރުން ދައުލަތުގެ އާމްދަނީ އަށް ވެސް އިތުރު އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.