ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ކުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއުގެ ވަގުތު ކުރުކޮށްފި އެވެ.

މީގެ ތިން ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

އެ ފިޔަވަޅުތައް އެޅި މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފެށުމުން ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައެވެ. އެ ނިންމުން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާދަމާއިން ފެށިގެން ކާފިއު ވަގުތު ކުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން ކާފިއު ހިންގާނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ.

އޭގެ ފަހަށް ފަތިހު ހަތަރަކުން ހެނދުނު އަށަކަށް އެކަނި ކުރާ ކަސްރަތު ތަކަށް ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެ ވަގުތު ކަސްރަތަށް ނިކުންނަ މީހުން ހާއްސަ ހުއްދައެއް ހޯދަން ނުޖެހޭނެ އެވެ.

ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނަމަވެސް ކާފިއު ނޫން ވަގުތު ބޭރަށް ނިކުމެވޭނީ އަދިވެސް ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށެވެ. އެގޮތުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބީސީއަކުން ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް އެ މީހުންނަށް ހުއްދަ ދީފައި އޮތް ހަތަރު ގަޑިއިރަށެވެ.

މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ހުޅުވާލަންވެސް ވަނީ ނިންމާފައެވެ.

ލުއި ދީފައިނުވަނީ ކެފޭ،ހޮޓާ އަދި ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާއި ފިހާރަތައް ހުޅުވާ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ވަގުތަށެވެ. މީގެ ތިން ހަފްތާ ކުރީން އޮތްގޮތަށް ހަވީރު ހަތަރަކާ ހަމައަށް ޓޭކް އަވޭ އަދި މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.