ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް

ކާފިއު ވަގުތު ހަވީރު 4:00 އިން ހެނދުނު 8:00 އަށް ހަމަޖައްސައިފި އެވެ.

މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ކާފިއު ވަގުތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އިމަޖެންސީ ހާލަތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުން މުޅިން މަނާކޮށްފައިވާ ކަމަށެވެ.

މިހާރު ކާފިއު ހިންގަމުން ދަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ޖުމްލަ 12 ގަޑިއިރު އެވެ.

މީގެ އިތުރުން ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާ އެ ފާހަށް އެދުމަށް ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ފާސް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 12:00 އިން ހަވީރު 4:00 އަށެވެ. ފާސް ނުލައި ބޭރުގައި އުޅުން މަނާވާނެ އެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކާފިއު ވަގުތު އެ ފާސް އެހެން މީހަކަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ކޮވިޑްގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މިއަދުވެސް 8 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ފުރަތަމަ މަރެއް ރެކޯޑް ކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. އޭގެ ކުރިން 3:18 ގައިވެސް 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

ހެނދުނު 6:55 ގަައި މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. އަދި މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފަ އެވެ.

މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފަ އެވެ. އޭގެ ކުރިން ހެނދުނު 11:05 ގައި އުމުރުން 87 އަހަރުގެ މީހަކުވެސް ކޮވިޑްގައި މަރުވި އެވެ. އެއީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ.

މިއަދުގެ 8 މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 137 އަށް ވަނީ އަރާފަ އެވެ. މިއީ މިއަހަރުގެ 86 ވަނަ މަރެވެ.