ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު

ދެ ޑޯޒް ޖެހި މީހުންނަށް އިތުރު ލުއި ދެނީ

ކޮވިޑް-19 އިން ރައްކާތެރިވާން ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުނަށް ދެވޭނެ ލުއިތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ރެސްޓޯރަންޓްތަކާއި ކެފޭ ތަކުގައި ޑައިންއިން ހިދުމަތް -- އިށީންދެތިބި ހިދުމަތް ހޯދުން -- ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބައެއް ވިޔަފާރިތަކުން އެދިފައިވާތީ އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވޭނެ ލުއިތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ވެކްސިން ޖެހުމަށް އެހެން މީހުންނަށް ބާރު އެޅުމުގެ ގޮތުން ކުރަން ވެސް މުހިންމު ކަމެއް ކަމަށެވެ.

މަބުރޫކް ވިދާޅުވީ މަޝްވަރާ ހިނގަނީ މިވަގުތަށް ދެވޭނެ ލުއިތަކާމެދު ކަމަށާ އެކަން ނިމުމުން އިއުލާނު ކުރާނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރި މީހުންގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވެ އިމިއުނިޓީ ލިބިފައިވާ މީހުންނަށް ދެވޭނެ ލުއިތަކެއް އޮތްތޯވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން ދެ ޑޯޒް ޖައްސަވާ ނިންމަވާ 14 ދުވަސް ހަމަވެފައިވާ ބޭފުޅުންނަށް އިތުރު ލުއިތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް އިތުރަށް ވެކްސިން ޖެހުމަށްވެސް ބާރު އެޅޭނެ ކަމެއް. އެކަން ކުރުމުގެ ވިސްނުންވެސް ސަރުކާރުގައި އެބަހުރި،" މަބުރޫކް ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ލުއިތަކެއް ދިނުމަށް ނިންމާ އެކަން ކުރީން އިއުލާނުވެސް ކުރި ކަމަށެވެ. އެއީ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. އެ ފަހަރު އިއުލާނު ކުރީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އެހެން ރަށަކަށް ދަތުރުކުރި ނަމަވެސް ކަރަންޓީންވާން ނުޖެހޭ ގޮތަށެވެ.

ނަޒްލާ ވިދާޅުވީ އެ އުސޫލަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހުނީ ފަހުން އައި ސާޖުގެ ސަބަބުން ކަމަށާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދެވޭނީ ވެކްސިން ޖެހި މީހުންގެ އަދަދާއި ހައިރިސްކު މީހުން ވެކްސިން ޖަހާފައިވާ މިންވަރު އަދި ދަތުރުކުރާ ރަށެއްގައި ބަލި އޮތް މިންވަރު ބެލުމަށް ފަހު ކަމަށެވެ.

ނަޒްލާވެސް ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ހާއްސަކޮށް ދަތުރުކުރާ މީހުންނަށް ލުއިދޭން ބޭނުންވާ ކަމަށެވެ.

"ވަކި ރެސްޓޯރަންޓް އެކަންޏެއް ނޫން ވަރަށް ގިނަ ކަންތައްތަކުގައި އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެން ބޭނުން ދަތުރުކުރުމުގައި ލުއިތަކެއް ދޭނެ ގޮތެއް. އެކަމާމެދު ދަނީ މަޝްވަރާ ކުރެވެމުން،" ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަހުންވެސް ބައެއް މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި އެ ބަލީގައި މަރުވެފައިވެސް ވެއެވެ.

މެއި މަހު މަރުވި މީހުންގެ ތެރެއިން ފަސް މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަހުން ކޮވިޑް ޖެހި އެ ބަލީގައި މަރުވި މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ މީހުން މަރުވެފައިވަނީ ދެވަނަ ޑޯޒް ޖެހިތާ 14 ދުވަސްވެސް ފަހުންނެވެ.

ސިއްހީ މާހިރުން ވިދާޅުވީ ވެކްސިނުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ. އަދި ވެކްސިނުން ލިބޭނީ 70 ޕަސެންޓް ރައްކާތެރިކަން ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މަތިވަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު މަދުވުމަކީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމެއް ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ.