ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިނޯފާމް

ސިނޯފާމްގެ 66،000 ޑޯޒް އެބަހުރި: އެޗްއީއޯސީ

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދެމުންދާ ވެކްސިންގެ ތެރެއިން ޗައިނާގެ ސިނޯފާމް ވެކްސިންގެ 66،000 ޑޯޒް އަދި އެބަހުރި ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފެބްއަރީ ފުރަތަމަ ދުވަހު ފެށި ކޮވިޑް ވެކްސިން ޕްރަގްރާމްގެ ދަށުން ރާއްޖޭގައި މިހާރު ޖަހަމުން ދަނީ ޗައިނާ ސަރުކާރުން ހަދިޔާ ކުރި ސިނޯފާމްގެ 200،000 ޑޯޒެވެ. މިއަދު އެޗްއީއޯސީން ވަނީ ރާއްޖޭގެ ވެކްސިންގެ ސްޓޮކްގެ ތަފްސީލް ވެސް އާންމުކޮށްފަ އެވެ.

އެޗްއޯއީސީން ބުނީ ސިނޯފާމްގެ 66،035 ޑޯޒް ސެންޓްރަލް ސްޓޮކްގައި އެބަހުރި ކަމަށެވެ. އެ ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާތެރޭ ދެވަނަ ޑޯޒް ޖެހެ އެވެ. އެހެންވެ ފުރަތަމަ ބުރުގައި ސިނޯފާމް ޖެހި ގިނަ ބަޔަކު ވަނީ ދެވަނަ ޑޯޒް ވެސް ފުރިހަމަ ކޮށްފަ އެވެ. ރާއްޖޭގައި ސިނޯފާމް ދޭން ފެށީ މާޗް 22 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް ދީފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އެ ވެކްސިން ހުސްވެ ލައްކައަށްވުރެ ގިނަ މީހުން ތިބީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެ ވެކްސިންގެ އާ ސްޓޮކެއް ލިބޭނެ ދުވަހެއް ނޭނގެ އެވެ. މިވަގުތު ވެސް 200،000 ޑޯޒަށް ދިވެހި ސަރުކާރުން ވަނީ ފައިސާ ދައްކާފަ އެވެ. މިވަގުތު ސެންޓްރަލް ސްޓޮކްގައި ހުރީ ކޮވިޝީލްޑް 400 ޑޯޒެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޖަހަމުންދާ ފައިޒާ ވެކްސިންގެ 1،925 ޑޯޒް އެބަހުއްޓެވެ.

ސަރުކާރުން މިހާރު ވަނީ ރަޝިޔާގެ ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފަ އެވެ.

މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދެ ގައުމުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިން ހޯދަން އޯޑަރު ދޭނެ އެވެ. މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއްބަސްވުން ގާއިމުކުރާތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އެންމެ ފަހުން ދިން ތާރީހަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާއެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެސްޓްރާޒެނެކާ އިން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޑަަބްލިއުއެޗްއޯއިން މަޝްވަރާ ދީފައިވާ ކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ.

މިނިސްޓަރު ނަސީމް މިރޭ ވިދާޅުވީ 700،000 ޑޯޒްގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ނުލިބޭނެ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 37 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.