ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލުއި ދިނުމުގެ މަޝްވަރާތައް ފަށަައިފި

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ދެ ހަފްތާ ކުރިން އެޅި ހަރުކަށި ފިޔަވަޅުތަކަށް މި ހަފްތާ ނިމުމާއެކު ލުއި ދިނުމަށް މަޝްވަރާ ފަށާފައިވާ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މީގެ ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

މިދިޔަ ބުދަ ދުވަހަށް ދެ ހަފްތާގެ މުއްދަތު ހަމަވުމުން އިތުރު ހަފްތާއަކަށް ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ.

މިއަދު އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ބައްދަލްވުންތައް ޗެއާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މި ހަފްތާ ނިމުމުން އިތުރު ލުއިތައް ދިނުމަށް މަޝްވަރާ ފަށާފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމާއެކު ދެވެން އޮތް އެންމެ ބޮޑަށް ލުއި ދޭން ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް ހަފްތާގައި ކަންކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގައި. މިހާރު އޮތް ރިސްޓްރިކްޝަންތަކުގެ ތެރެއިން ލުއި ދެވޭނީ ކޮން ކަންތަައްތަކަކަށްތޯ. ދެވެން އޮތް މިންވަރަކަށް ލުއި ދޭން ބޭނުންވޭ އެޗްޕީގެ ފަރާތުންވެސް. ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫ ދެމުން ދިއުމުން. އެހެންވީމަ އިދާރަކުރެއްވިއްޔާ މި ހަފްތާ ނިމޭއިރުގައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މި ރިސްޓްރިކްޑެޓް މެޝާތަކަށް އަންނަ ބަދަލު،"

މަބުރޫކް ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދޭން މަޝްވަރާ ކުރިނަމަވެސް ދޭނީ ކޮންކޮން ލުއިތަކެއްކަން އަދި ފައިނަލް ކޮށްފައިނުވާ ކަަމަށެވެ.