އދ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
ފެރިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު އެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ފެރިދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި މި ދެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފެން ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.
ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ އިމާރާތުގެ މަސައްކަތުގެ 35 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
ފެނުގެ މަޝްރޫއުގެ ދަށުން ފެރިދޫގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ވެސް ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.
ފެރިދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.05 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ދޭނެ އެވެ.
ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 69.33 މިލިއަން ދިވެހި ރުފިޔާ އެވެ. މަޝްރޫއުގެ މަސައްކަތް ނިމުމުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެން އަދި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.