ހިރިމަރަދޫ

ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ހިރިމަރަދޫ ކައުންސިލް

ހދ. ހިރިމަރަދޫގައި ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ރަށު ކައުންސިލް މެންބަރުން ހުއްޓުވާފައި ނުވާނެ ކަމަށް ހިރިމަރަދޫ ކައުންސިލުން ބުނެފި އެވެ.

ހިރިމަރަދޫ ކައުންސިލުން މިހެން ބުނެފައި މިވަނީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކައުންސިލްގެ ނައިބް ރައީސް އަހްމަދު ޝަރީފް އިސްވެ ހުންނަވައިގެން ހުއްޓުވި ކަމަށް މިއަދު ބައެއް މީޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ޝަރީފް ވަނީ ނަރުދަމާގެ ހޮޅި އެޅުމަށް މަގުކޮނުމަށް ހުރަސް އެޅުމުގެ ގޮތުން އެ ސަރަހައްދުގައި ބޭނުންކުރި އެކްސްކަވޭޓަރު ދުއްވަން ދަތިވާ ގޮތަށް ސައިކަލް ޕާކްކޮށްފައި ކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

މިމައްސަލައާއި ގުޅިގެން އަވަސް އިން ސުވާލުކުރުމުން އަހްމަދު ޝަރީފް ވިދާޅުވީ ނަރުދަމާ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން އޭނާ މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހިނގަމުންދަނީ ގާނޫނާ ހިލާފަށް ކަމުގައި ޝަރީފް ވިދާޅުވި އެވެ.

"މިމައްސަލައިގައި މިއަށްވުރެ އިތުރަށް އަޅުގަނޑު ވާހަކަދައްކާކަށް ބޭނުމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ހިރިމަރަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހިރިމަރަދޫ ކައުންސިލުން ބުނެފައިވެ އެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހުކުރީ ޑިސެމްބަރު 3، 2021 ގައެވެ.

ހިިރިމަރަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.2 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކޮށް 12.1 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅައި އަދި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމް ކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ އެވެ.