އެމްޑަބްލިއުއެސްސީ

ހަތަރު ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ނިންމާލައިފި

Mar 23, 2022

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ހަތަރު ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ނިންމާލުމަށްފަހު ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނާ ނަރުދަމާގެ މަސައްކަތް ނިންމާލައިފައި ވަނީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގަ އެވެ.

މީގެ ތެރެއިން ކުޑަފަރީގެ ކޮމިޝަން ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު، މާޅެންދޫގެ ކޮމިޝަން ކުރުމުގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ގޮއިދޫގެ މަސައްކަތަށް ތައްޔާރުވަމުންދަ ކަމަށެވެ.

މި ހަތަރު ރަށުގައި ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިން ވަނީ އިމާރާތް ކޮށްފަ އެވެ. އަދި ފެން އުފެއްދުމަށް އާރްއޯ ފެސިލިޓީ އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ހަތަރު ރަށުގައި ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން ވަނީ އިމާރާތްކޮށްފަ އެވެ. އަދި ޕަމްޕިން ސްޓޭޝަން ގާއިމްކޮށް، ސީ އައުޓްފޯލް އަޅާފައިވެ އެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ބުނީ ފެނާ ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރާ ސާމާނު ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މި ހަތަރު މަޝްރޫއުގެ ޖުމްލަ އަގަކީ 163.55 މިލިއަން ރުފިޔާ އެވެ.