އެމްޑަބްލިއުއެސްސީ

ހުޅުމާލޭގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައިފި

އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި އިތުރު ފެންޕްލާންޓެއް ބަހައްޓައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ބަހައްޓާފައިވާ ފެންޕުލާންޓްގެ މަސައްކަތް މުޅިން ނިމި ކޮމިޝަންވެސް ކޮށްފައިވާކަމަށެވެ. މިއީ ދުވަހަކު 3000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޕްލާންޓެކެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ، އަލަށް ބެހެއްޓުނު ފެންޕުލާންޓާއެކު ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުން ދުވާލަކު 7500 ޓަނުގެ ފެން އުފެއްދޭނެކަމަށެވެ.

"މިކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ޔަގީންކަން އިތުރުވެގެން ދިޔައީ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ އޮަޕަރޭޝަން ސެންޓަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ. އެގޮތުން އޮަޕަރޭޝަން ސެންޓަރުގައި ބޭނުންކުރާ ޕްލާންޓްތައް އަޕްގުރޭޑްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އިތުރު 3000 ޓަނުގެ ފެން އުފެއްދޭ އިތުރު ޕްލޭޓެއް މިއަހަރު ފަހުުކޮޅު ބެހެއްޓޭނެކަމަށާ 10،000 ޓަނުގެ ފެން ރައްކާކުރާ އިތުރު ތާގީއެއްވެސް މިއަހަރު ތެރޭ ގާއިމުކުރެވޭނެކަމަށެވެ.

"މި މަސައްކަތް ނިމުމުން، އެމްޑަބްލިއުއެސްސީ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުން ދުވާލެއްގެ މައްޗަށް އުފެއްދޭ ފެނުގެ މިންވަރު 10،000 ޓަނަށް، އަދި ފެނުގެ ޖުމްލަ ސްޓޯރޭޖް ކެޕޭސިޓީ 21،000 ޓަނަށް އިތުރުވެގެންދާނެ." އެމްޑަބްލިއުއެސްސީ ބުނެފައިވެއެވެ.