އެމްޑަބްލިއުއެސްސީ

ސާވޭގައި ފައިސާގެ މުއާމަލާތެއް ނުކުރާނެ: ފެންކުންފުނި

Oct 6, 2019
1

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން މިހާރު ކުރިއަށް ގެންދާ ސާވޭގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާން އެ ކުންފުނިން އިލްތިމާސް ކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާއާ ބެހޭ ސާވޭއެއް މާލެ، ހުުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ދާ ކަމަށެވެ. މި ސާވޭ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ސާވޭއަށް ޓީމުތައް ގޭގެއަށް ދާއިރު، އަބަދުވެސް ތިބޭނީ ކުންފުނީގެ ފާސް އަޅައިގެން ކަމަށެވެ. އަދި އެ ފާހުން އެއީ ކާކުކަން ސާފުވާނެ ކަމަށެވެ.

މީގެ އިތުރުން ސާވޭގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެތީ އެކަމަށް ސަމާލުވުމަށްވެސް އެމްޑަބްލިއުއެސްސީން އެދިފައިވެއެވެ. ދެ މަސް ދުވަހަށް ކުރިއަށްދާ އެ ސާވޭގައި ކޮމާޝަލް ބަދިގެތަކުގައި އޮއިލް ޓްރެޕް ހުރިތޯ ބަލައި ފާސް ކުރުމާއި ވިޔަފާރީގެ ކަންކަމަށް ބޭނުން ކުރާ ބަދިގެތައް ދެނެގަތުމުގެ އިތުރުން އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބަލާނެ އެވެ. އަދި ދޮރުން ދޮރަށް ހިނގައި ގޭގެ ނަރުދަމާގެ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައި ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރާނެ އެވެ.

ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ އާންމުވެފައެވެ. ބައެއް ފަހަރު މިގޮތަށް އޮޅުވާލައިގެން މީހުންނަށް ބޮޑެެތި ގެއްލުން ދީފައިވެއެެވެ.