ލައިފްސްޓައިލް

ރޯދަ މަސް: ނެތިގެންދާ ދިވެހިންގެ ރިވެތި ސަގާފަތަށް އާ ދިރުމެއް!

ކޮންމެ އަހަރެއްގެ ރޯދަ މަހަށް ދިވެހިން އެތަކެއް މަސް ކުރިން ތައްޔާރުވާން ފަށަ އެވެ. ގޭތެރެ ފޮޅާ ސާފުކޮށް، ކުލަލައި ޒީނަތްތެރި ކޮށްލަ އެވެ. ބަދިގޭގައި ގެންގުޅޭ ހުރިހާ ސާމާނެއް ހެން އައުކޮށް، ކާބޯތަކެތި ގަނޑުކޮށް ގެއަށް ވައްދާ، އަންހެންވެރިން އަތުކުރި އޮޅައިލަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކަށް ތަފާތު ރަހަތަކުން ސުފުރާމަތި ފުރާލުމަށް ހިތުއަޅައިގެނެވެ.

ރޯދަ މަސް ފެށުމާއެކު، އާންމު މަސް މަހުގައި ނުފެންނަ ވަރަށް ޒަމާންވީ އެކިއެކި ސަގާފަތްތަކާއި އާދަ ކާދަތައް އަލުން ދިރޭ ކަހަލަ އެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އާއިލީ ގުޅުން މުޅިން އާ ހަރުފަތަކަށް އުފުލެ އެވެ. އާންމު ގޮތެއްގައި، ކުރިމަތީގައި އުޅޭ އަވަށްޓެރިންނަކީ ކޮން ބައެއްކަން ނޭނގުނަސް، ކޮންމެ ރޯދަ މަހަކަށް އުފެދެނީ މުޅިން ތަފާތު އެކުވެރި ކަމެކެވެ.

ބިހެއް، ފިޔާ ކޮޅެއް، ނުވަތަ މިރުހެއް ހޯދަން އަވަށްޓެރިންގެ ދޮރުގަ ޓަކި ޖަހާލުމަކީ ލަދުވެތި ކަމަކަށް ނުވެ އެވެ. ރަށުން ފޮނުވާ ހަދިޔާ ގޯނިން އެތިކޮޅެއް ނަމަވެސް، އަވަށްޓެރިންނާއި ހިއްސާ ކުރާކަށް ޖެހިލުމެއް ނުވެ އެވެ. ބުރަ މަސައްކަތުން ރޯދަ ވީއްލަން ގޭގައި ތާއްޔާރުކުރާ ޑިޝްތަކުން އަވަށްޓެރިންނަށް ރަހަ ދައްކާލުން ފަހުރަކަށްވެ އެވެ. ހަމަ މިގޮތަށް، އަވަށްޓެރިން ގެނެސްދޭ ބޯތަށިތަކުން، ތިމާގެ ކާމޭޒަށްވެސް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ރޯދަ ނޫން މަސް މަހުގައި ރަށްޓެހިންނާއި، އެކުގައި މަސައްކަތް ކުރާ މީހުންނަކީ ގިނަ ފަހަރު ހަމައެކަނި ކޮފީ މޭޒުތަކުގެ ބައިވެރިންނެވެ. ނަމަވެސް، ރޯދަ މަހާއެކު ވަރަށް ހާއްސަ ގުޅުމެއް އަށަގަނެ އެވެ. ކޮފީއަށް ނުވަތަ ކާންދާން ރަށްޓެހިންނަށް އިޝާރާތްކޮށްލުމުގެ ބަދަލުގައި، އެކުގައި މިސްކިތަށް މިސްރާބު ޖަހާތަން ފެންނާނީ ރޯދަ މަހު އެވެ. އޮފީސްތަކުގައި މި މަންޒަރު ވަރަށް އާންމު ކޮށް ފެނެ އެވެ. ގުރޫޕު ހަދާފައި ކޮފީއަށްދާ ރަށްޓެހިން، ރޯދަ މަހު އެކުގައި އަރާނީ ނަމާދަށެވެ. ކޮފީއަށް ނުވަތަ ކާންދާން އެންމެން ހަމަވަންދެން މަޑުކުރާ އުސޫލުން، މިސްކިތަށް ދާންވެސް ނިކުންނާނީ އެންމެން ހަމަކޮށްގެންނެވެ. އަޅުކަމަށް އެކަކު އަނެކަކު ކިބައިން ހިތްވަރު ލިބެ އެވެ.

އާއިލާ ތެރޭގައި ވެސް އޮންނަ ގުޅުން ރޯދަ މަހުގެ ބަރަކާތުން އެތައް ގުނައެއް އިތުރުވެގެންދާތަން ފެނެ އެވެ. އެހެން މަސް މަހާއި ހިލާފަށް، ރޯދަ ވީއްލަން ތައްޔާރު ކުރުމުގައި އެންމެން އެކުގައި ބަދިގެ ތެރޭގައި މަސްއޫލުވެ އެވެ. އަންހެނުންނާއި، ކުޑަ ކުދިންނާއި، ގިނަ ގޭގޭގައި ފިރިހެންވެރިން ވެސްމެ އެވެ. އެއްބަޔަކު އެއްޗެހި ކޮށާނެ އެވެ. ހެދިކާ ހެދުމުގައި އެހެން ބައެކެވެ. ރޮށި ފިހުމާއި ފަނި ގިރުން ބާކީ ތިބި މީހުންނަށެވެ. ތަފާތު ކަންކަމުގައި އުޅުނަސް، ތިބޭނީ އެއްކޮށެވެ. މަޖާ ވާހަކައިގަ އެވެ. މުޅި އަހަރު އެއް ސުފުރާމަތިން ނުފެންނަ އާއިލާ މީހުން، މިހާރު އެކުގައި ރޯދަ ވީއްލާނެ އެވެ.

ރޯދަ މަސް ނިމުމާއެކު، މަންޒަރު މުޅިން ބަދަލުވީ އެވެ. އަވަށްޓެރިން ކުއްލިއަކަށް ބީރަށްޓެހިވީ އެވެ. ރަށްޓެހިންނާއި އެކުގައި މަސައްކަތް ކުރާ މީހުންނާއެކު ހޭދަކުރާ ވަގުތު ހަމައެކަނި ކޮފީ މޭޒުތަކަށް ތިރިވީ އެވެ. އަޅުކަމަށް ބާރުއެޅުމަށް ލަދުވެތިވީ އެވެ. އާއިލާ އެކު ވަގުތު ހޭދަކޮށްލުން ބޮޑުކަމަކަށްވީ އެވެ. ކެއްކުމަކީ ހަމަ އެކަނި މަންމަގެ ނުވަތަ އަނބިމީހާގެ ވާޖިބަކަށް ވީ އެވެ.

އެއް ޒަމާނެއްގައި ދިވެހިންގެ ތެރޭގައި އޮތް މިފަދަ ރިވެތި އާދަތަކަކީ ހަމައެކަނި ރޯދަ މަހަށް ހާއްސަ އާދަތަކެއް ނޫނެވެ. ނަމަވެސް ހިތާމައަކީ، މިހާރު މި އާދަތަކާއި ސަގާފަތްތައް ހާއްސަ ވަނީ އަހަރުގެ އެންމެ މަހަކަށެވެ.