ލައިފްސްޓައިލް

ބަދަލުވީ ގުޑީގެ ބާވަތް، ފޯރި ބަދަލެއް ނުވޭ!

ހުޅަނގު މޫސުމުގެ އައްސިދައިން ނެއްޓި ބުރުނު ނަކަތައާއެކު ހުޅަނގުން ވައިފަހި މި ދުވުސްކޮޅު ހަވީރުގެ ވަގުތުގައި ފިނި ބުރަކަށް ނިކުމެލާއިރު ފެންނާނެ އެއް މަންޒަރަކީ މާލޭގެ އުސްފަސް ގަނޑު ސަރަހައްދުގައި އެކި ފުރައިގެ މީހުން އެއްވެ ގުޑި އަރުވާ މަންޒަރެވެ. މަގުގެ އަނެއް ފަރާތުގައި ޕޭވްމަންޓް ކައިރީ ވައިގެ ތެރޭގައި އުދުހޭ ގުޑި / މަޑިތައް ފޮޓޯ ނެގުމަށް އެތައް ބަޔަކު ހުއްޓިލައިގެން ތިބެ އެވެ.

ގުޑި އެއްލުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި އޮތް ބޮޑުބަޔެކެވެ. އިހުއްސުރެ ކުރަމުން އައި ކަމެކެވެ. ސުލްތޯން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމާއި ސުލްތޯން ހަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު ވަރަށް ފޯރިއާއެކު މާލެ އާއި އަދި ރަށްރަށުގައި ވަރަށް ގިނަ މީހުނާއި ކުދިން ގުޑި އެރުވި އެވެ. އަދި އެއީ އޭރުގެ އެންމެ ފޯރިގަދަ ވާދަ ވެސް އޮންނަ ކަމަކަށް ވެފައި އޮވެ އެވެ.

މިހާރުވެސް ފެންނަ އެކި ބައްޓަންތަކަށް އޭރުވެސް އެކި ގުޑިތައް ހެދި އެވެ. އިހުއްސުރެ ރާއްޖޭގައި އުދުއްސި ގުޑިތަކަށް ހާއްސަ ދިވެހި ނަންތަކެއް ވެސް ކިޔާ އުޅެނެވެ. އެންމެ ފަހުން ދިވެހި ގުޑި ފޯރިއާއެކު ހަދައިގެން މާލޭގައި އަރުވާފައިވާ އެއް ޖެނެރޭޝަނަކަށް ވާނީ 1980 އިގެ ފަހުކޮޅާއި 1990 އިގެ އަހަރުގެ ތެރޭގައި ބޮޑުވަމުން އައި ކުދިންނެވެ. އޭރަކު އުސް އިމާރާތްތައް މާ ގިނައެއް ނޫނެވެ.

އެންމެ ފުރަތަމަ ކުރާ ކަމަކަށް ވެފައި އޮންނަނީ ގުޑި ހަދަން ބޭނުން ކުރާ ކަރުދާސް ހޯދައިގެން ގުޑިއެއް ހެދުމެވެ؛ ގުޑި ހެދުމާއި ގުޑިއެއްލަން ބޭނުން ކުރާ ބަރަނި ވަރުގަދަ ކުރުމަށް ފުޅިތޮށި ލުމަކީ ވަރުގަދައަށް އޮންނަ ކަމެކެވެ. އަދި ބައެއް ފަހަރަށް ޕްލާސްޓިކް ބާޒަރު ކޮތަޅުން ހަދާ ގުޑި ފެނެ އެވެ. އެންމެނަށް ގުޑި ހަދަން ނޭގުނަސް އެންމެނަށް ވެސް ގަންނަން ލިބޭ ވަރަށް ދިވެހިން ގުޑި އުފެއްދި އެވެ. މިހާރު ދިވެހި ގުޑިއެއް ފެންނާނީ ހާލަކުންނެވެ.

އެދުވަސްވަރު ބޮޑަށް މިއީ ފިރިހެން ކުދިން ކުރާ ކަމަކަށް ވެފައި އޮތް ކަމުގައި ވިޔަސް މިހާރު އެކަން ވެސް ބަދަލު ވެއްޖެ އެވެ. މާލޭގެ އެކި ސަރަހައްދު ތަކުގައި ގުޑި އެއްލަން ގޮސް ތިބެނީ ބައެއް އާއިލާތައް އެކީ އެވެ. ޒުވާން އަންހެން ކުދިން ގުޑި ގަނެގެން ވަގުތުން އަރުވާތަން ފެނެ އެވެ.

ގުޑި ވިއްކަން ތިން ޒުވާނަކު އަވަދި ނެތި އުޅެއެވެ؛ ބިންމަތީގައި ގުޑިތައް އަތުރާލާފައިވާ އިރު އަގުތައް އުޅެނީ 30ރ. އިން ފެށިގެން 350ރ. އާއި ދެމެދުގަ އެވެ. އެ ޒުވާނުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އައިސް ގުޑި ގަންނަން އާދެ އެވެ. އަދި ރަނގަޅު ޑިމާންޑެއް އަދި ފޯރި ވެސް އެތާނަގައި އެބައޮތެވެ. ގުޑި ވިއްކާ އެކަކު ބުނި ގޮތުގައި ދިވެހި ގުޑިއަށް މިހާރު ޑިމާންޑެއް ނެތެވެ.

ސަބަބަކީ އެ ގުޑިތައް އެއީ ކަރުދާސް ކަމުން ވައި އަޅާ ގޮތުން ފަޅައިގެން ގޮސް ހަލާކުވާތީ ކަމުގައި އޭނާ ބުންޏެވެ. އަނެއްކޮޅުން އެއީ ވަރަށް ބަލައިގެން ގެންގުޅެން ޖެހޭ އެއްޗެއްކެވެ. ފަށްޖަހާލައިގެން ގެންގުޅޭކަށް ފަސޭއަށް ނޫނެވެ. ހުރިހާ ކަމެއްގައި ވެސް ފަސޭހަ ގޮތް ފަސޭހައީ އެވެ. ދިވެހިންގެ "ފާސްޓް ލައިފްސްޓައިލް" ހުރިހާ ކަމުން ވެސް ހިނދުން ހިނދަށް މިހާރު އެބަ ބޭނުން ވެއެވެ. އަދި ދިވެހި އާދަކާދައިގެ ހިމެނޭ ގުޑި ހަދަން ދަންނަ މީހުން ވެސް މިހާރު މަދެވެ.

ރާއްޖެއިން ބޭރުން އިމްޕޯޓް ކޮށްގެން އުދުއްސާ ގުޑިތައް ފެންނަ ވަރު ގިނައީ އެވެ. ބޭރުގެ އިމްޕޯޓް ކުރާ ރަބަރު ގުޑިއަކީ އެންމެ ކޮލިޓީ ގުޑިއެއް ނޫނެވެ.

ދިވެހި ގުޑި އަދި އިމްޕޯޓް ގުޑި އަރުވައިގެން ރޯދަ ހަވީރު ކުރުކޮށްލަން ރަނގަޅެވެ. ގުޑީގެ ފޯރިގައި އެތައް ބަޔަކު އެއްވާ އިރު މި ކަހަލަ ކުޑަ ކަމަކުން އުފާވެރިކަން ބަޔަކު ހޯދާތަން ފެނުމުން ހިތްހަަމަޖެހުމެއް ލިބެ އެވެ. ރޯދަ ގުޑިން ބުނެދެނީ ބައެއް އާދަކާދަ ބަދަލުތަކާއެކު އޮންނަ ކަމެވެ. ކުރިން ކަން ކުރާގޮތް ބަދަލުވެފައި ވިޔަސް ގުޑި އެރުވުމަށް އޮތް ފޯރިއަށް ބަދަލެއް ނާދެ އެވެ.