ފިނޭންސް މުވައްޒަފުންގެ ގެއަށް މާލީ ތަށި ބަރި!

މުވައްޒަފުންގެ ގުޅުން ބަދަހި ކުރަން ތަފާތު ކަންކަން ކޮށް އުޅެ އެވެ. މުވައްޒަފުންގެ ގުޅުން ވަރުގަދަ ކުރަން އެޗްއާރު މެނޭޖަރުންގެ ސިކުނޑިން އެކި ޕްލޭންތައް ހަދަ އެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ކުރާ މިފަދަ އެއް ކަމަކީ މުވައްޒަފުން އެކުގައި ދަތުރު ދިއުމެވެ. ނޫނީ އެކަކުގައި ކޮފީ އަށާއި ކެއުންތަކަށް ދިއުމެވެ. އެކަމަކު ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން މި ރޯދަ މަހު ވަނީ މުޅިން ތަފާތު ކަމެއް ފަށާފަ އެވެ. ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އޮފީހުގެ މުވައްޒަފުން އެއް މުވައްޒަފަކު އަނެއް މުވައްޒަފެއްގެ ގެއަށް ދަނީ ތަށިބަރި ފޮނުވަމުންނެވެ.

"މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރަން ކުރާނެ ކަމެއް ވިސްނާފައި ރޭވި އެއްކަންތައް މިއީ. ރޯދަ މަހުގެ ކޮންމެ ދުވަހަކު މުވައްޒަފުންގެ ގެއަށް ތަށިބަރި ގެންދިއުން،" ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން ވިދާޅުވި އެވެ.

މިއީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ފަށައިގެން އުޅޭ ކަމެކެވެ.

މުވައްޒަފުންގެ ގެއަށް ތަށިބަރި ގެންދަން އެ މިނިސްޓްރީން ދީފައިވާ ނަމަކީ "މާލީ ތަށިބަރި" އެވެ. އެކަމު މީގައި ހުންނަނީ ފައިސާއާއި މާލީ ހިސާބު ކިތާނެއް ނޫނެވެ. މީގެ ކޮންމެ ތަށިބަރިއެއް ފުރި ބަރާވެފައި ހުންނަނީ މީރު ކެއުން ތަކެވެ. މިކަމަށް މާލީ ތަށިބަރި ގެންދަން ހާއްސަ ގަވާއިދެއް ވަނީ ހަދާފަ އެވެ. މިގޮތުން ރޯދަމަހުގެ ކޮންމެ ދުވަހަކު ފަސް ތަށިބަރި ރޯލް ކުރާނެ އެވެ. އެހެންވެ ރޯދަ މަސް ނިމެންވާއިރަށް އެ އޮފީހުގެ 150 މުވައްޒަފުންގެ ގެއަށް މި ތަށިބަރި ދާނެ އެވެ.

ރަހުމަތްތެރިގެ ގޭގެއަށް ގެންދިއުން މަނާ!

"މާލީ ތަށިބަރި" މިނަން ދީފައިވަނީ ފިނޭންސަކީ މާލީ ކަންކަތަކާބެހޭ ވުޒާރާއަށް ވާތީ އެވެ. މާލީ ކަންކަން ބަލައްޓާ މިނިސްޓްރީއަށް ވާތީ އެވެ. މި ތަށިބަރި ބަދަލު ކުރުމުގައި އެއްވެސް މުވައްޒަފެއް އިސްތިސްނާއެއް ނުވެއެވެ. މި ހަރަކާތުގައި މިނިސްޓަރު ވެސް ބައިވެރިވަޑައިގަންނަވަ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވަނީ އެހެން މުވައްޒަފެއްގެ ގެއަށް އަމިއްލަ ފުޅަށް ވަޑައިގެން ތަށިބަރި ހަވާލު ކޮށްދެއްވާފަ އެވެ.

ފިނޭންސުގެ މާލީ ތަށިބަރި ގެންދިއުމުގައި ގާތް ރައްޓެހިންނާއި އާއްމުކޮށް ދިމާވާ މީހުން ތަށިބަރި ބަދަލެއް ނުކުރެވެ އެވެ. ތަށި ބަރި ބަދަލު ކުރުމުގައި އެއްކޮށް ކޮފީއަށް ގޮސް އުޅޭ މީހުން އެކަކު އަނެކަކަށް ތަށިބަރި ބަދަލު ކުރުމަކީ މަނާ ކަމެކެވެ.

"މިގޮތަށް ހަދާފައި ވަނީ އާއްމުކޮށް ބައްދަލު ނުވާ މީހުންގެ މެދުގައި ގުޅުން ބަދަހި ކުރަން. ތަށިބަރި ގެންދާނީ ކޮން މުވައްޒަފެއްގެ ގެއަކަށް ކަމެއް ދުރާލާ ނޭނގޭނެ. އެވާނީ ސްޕްރައިޒް އަކަށް،"