ރޯދަ މަސް

ގިނަ ބަޔަކަށް ރޯދަ އިނާޔަތް ނުލިބި ރޯދަ ފަށަނީ!

ރޯދަ އެލަވަންސްގެ ގޮތުގައި ދޭންޖެހޭ އިނާޔަތް މިދިޔަ ހޯމަ ދުވަހު ދޭން ސަރުކާރުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާއި އެއްގޮތަށް ހުރިހާ އިދާރާތަކެއްގެ މުވައްޒަފުނަށް އަދިވެސް ރޯދަ އިނާޔަތުގެ ފައިސާ ޖަމާކޮށްދީފައިނުވާކަން އެނގިއްޖެ އެވެ. ސަރުކާރުގެ މުވައްޒިފުންގެ އިތުރުން އަމިއްލަ ވަރަށް ގިނަ ކުންފުނިތަކުގެ މުވައްޒިފުންނަށް ވެސް އަދި ރޯދަ އިނާޔަތެއް ނުދެ އެވެ.

ގާނޫނުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރީން ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 23 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި ދޭންޖެހޭ 3،000 ރުފިޔާ މިދިޔަ ހޯމަ ދުވަހުން ފެށިގެން ދިނުމަށް ހަނދާންކޮށްދީފަ އެވެ. އެލަވަންސް ދޭއިރު މުވައްޒަފަކު ސަރުކާރުގެ ދެ ވަޒީފާއެއްގައި މަސައްކަތް ކުރި ނަމަވެސް އެލަވަންސް ދޭން ވާނީ އޭނާގެ އަސާސީ ވަޒީފާ އަށް އެކަނި ކަމަށްވެސް ބުނެފައިވެ އެވެ.

ޕޭލީވް އާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމަށް ވެސް އަންގާފައިވެ އެވެ. އެކަމަކު ޗުއްޓީ ނިންމުމަށް ފަހު ރޯދަ މަހުގެ ތެރޭގައި މުވައްޒަފަކު ވަޒީފާއަށް ނިކުމެއްޖެނަމަ އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ބާކީ ހުރި ދުވަސްތަކަށް ޖެހޭ އަދަދަށް ރޯދަ އެލަވަންސް ދިނުމަށް އަންގާފައިވެ އެވެ. ރޯދަ އެލަވަންސް ދީފައި ވަނިކޮށް އެއްވެސް މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެނަަ އެ މުވައްޒަފަކު ވަކިވި ދުވަހުން ފެށިގެން ރޯދަ ބަހުގެ ބާކީ ދުވަސްތަކަށް ޖެހޭ ފައިސާ އަދަދު އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށް ވެސް އަންގާފައިވެ އެވެ.

މި މަހުގެ 24 ވަނަ ދުވަހު ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ތެރެއިން ރޯދަ އެލަވަންސްގެ ވައުޗަރުތައް އޮފީސްތަކަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މިއަދުގެ ނިޔަލަށް އަދިވެސް ބައެއް މުވައްޒިފުންނަށް ރޯދަ އިނާޔަތް ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ މިނިވަން މުއައްސަސާތަކުގެ މުވައްޒިފުންނެވެ. އަދި ބައެއް ކުންފުނިތަކުގެ މުވައްޒިފުންނާއި ޝަރުއީ ދާއިރާގެ މުވައްޒިފުންނަށްވެސް އަދި އިނާޔަތް ނުލިބެއެވެ.

ފިނޭންސް މިނިސްޓްރީންވެސް ވަނީ ބައެއް އިދާރާތަކުގެ މުވައްޒިފުންނަށް ރޯދަ މަހުގެ އިނާޔަތް ޖަމާކޮށްދެވިފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ އިދާރާތަކާއި މުވައްޒިފުންގެ އަދަދުގެ ތަފްސީލެއް ނުދިނެއެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރޯދަ އިނާޔަތް ޖަމާކޮށް ނުދެވި ވަނީ ފޮނުވަން ޖެހޭ މައުލޫމާތު ފޮނުވާފައިވާ އިދާރާތަކުންނެވެ. މިއަދުވެސް ބައެއް އިދާރާތަކުން އެ މައުލޫމާތު ފޮނުވުމުން ފައިސާ ޖަމާކޮށް ދެމުންދާ ކަަމަށް ބުންޏެވެ.

ސަރުކާރުގެ މުވައްޒިފުންގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނަށްވެސް ރޯދަ އިނާޔަތް އަދި ލިބިފައެއް ނުވެއެވެ. ރާއްޖޭގައި ހިންގާ ބައެއް އަމިއްލަ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒިފުންނަށް ރޯދަ އިނާޔަތް ނުދޭ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. ބައެއް ކުންފުނިތަކުން އެއްގޮތަކަށްވެސް ރޯދަ އިނާޔަތް ނުދޭ ކަމަށް މުވައްޒިފުން ބުނެއެވެ.

ކަލަންޑަރު ބުނާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެހެން ކަމުން އެ ދުވަހުގެ ކުރީން ރޯދަ އިނާޔަތް ޖަމާކޮށް ދޭން ކުންފުނިތަކަށް ލާޒިމު ކުރެއެވެ. ރޯދަ އިނާޔަތް ނުލިބޭ ނަމަ ނުވަތަ އެ އިނާޔަތް ދޭން ވަޒީފާ ދޭ ފަރާތުން ދެކޮޅު ހަދާނަމަ އެކަން އެންގުމަަށް ވަޒީފާއާ ޓްރައިބިއުނަލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.