އިބްރާހިމް އަމީރު

ތިން ބިލިއަން ރުފިޔާގެ ލޯނެއް ހޯދާކަށް ނޫޅެން: އަމީރު

އިންޑިއާ އިން އިތުރު ތިން ބިލިއަން ރުފިޔާގެ ލޯން ނަގަން ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

ދިވެހި ސަރުކާރުން މި ވާހަކަ ދޮގު ކޮށްފައި މިވަނީ ރާއްޖޭގެ ނޫހަކުން މިއަދު ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ. އެ ނޫހުގައިވާ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައްދަލުކުރައްވާ ދިވެހި ސަރުކާރުން ބޭނުންވާ ތިން ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ހުށަހެޅުއްވި ކަމަށެވެ.

ނޫހުގައިވާ ހަބަރާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ވަނީ ގާތްގުޅުންތަކެއް އުފައްދާފަ އެވެ. މިގުޅުމަކީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ގުޅުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ.