ފިނޭންސް މިނިސްޓްރީ

އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް

ރާއްޖެއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލައިފް އޮފް ކްރެޑިޓް އެގްރިމެންޓެއްގައި އިންޑިއާއާއެކު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް)ގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވޭދު އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި 100 މިލިއަން ޑޮލަރު ބޭނުންކުރެވިގެންދާނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ރާއްޖެއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލައިފް އޮފް ކްރެޑިޓް އެގްރިމެންޓެއްގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު ސޮއިކޮށްފައި މިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ ވަޑައިގެން އުޅުއްވާ ވަގުތެއްގަ އެވެ. ވިނޭ މޯހަން އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފްއާ އެކު ރަސްމީ ވާހަކަތައް ވެސް މިހާރު ވަނީ ބާއްވަވާފަ އެވެ.

ވިނޭ މޯހަންގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ.

މިސަރުކާރުން އަޅަން މަސައްކަތް ކުރާ "ތިލަމާލެ" ބްރިޖަށް ވެސް އެގްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއް ދީފަ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޫބަރު 2020 ގައެވެ.