ދިވެހި އިންޑިއާގެ ގުޅުން

އެލްއޯސީގެ ދަށުން ކުޅިވަރަށް އިންޑިއާއިން 40 މިލިއަން ޑޮލަރު

Sep 2, 2021
1

ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން 40 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ އިންޑިއާގެ އެކްސިމް ބޭންކްގެ ފަރާތުން ދިވެހި ސަރުކާރަށް ދޭ ލޯނެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑެވެ.

މި ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ހަމައެކަނި ދިވެހިން ބޭނުންވާ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލްޓެނިސް، އަދި އެހެނިހެން އިންޑޯގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާކުރަށެވެ. މި ފަންޑުގެ މަގްސަދަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ކުރުވުން ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނީ މި ލޯނުގެ އެހީގައި މާލޭ ގަލޮޅު ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްގީ ކުރާނެ ކަމަށާއި ގައުމީ ވޮލީ އަދި ބާސްކެޓް ބޯލް ކޯޓުތައް ވެސް ތަރައްގީ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ސިންތެޓިކް ޓްރެކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރާނެ އެވެ. ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ވެސް ތަރައްގީކުރާނެ އެވެ.

މި ލޯނަކީ އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރް މިދިޔަ ފެބްރުއަރީ މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގައި ހުށަހުހެޅުއްވި ލޯނެކެވެ.

މީގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދީފަ އެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ މި ފައިސާގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ނޫނެވެ.