ކޮ ވިޑުގައި އިގްތިސާދު ވަޅު ޖަހާލައި އެކަމުން ރަނގަޅަށް އަރައި ނުގަނެވި އުޅެނިކޮށް ރަޝިއާ-ޔޫކްރޭން ހަނގުރާމަ އާއި އެކު ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ. ހާއްސަކޮށް ތެލުގެ އަގު ވަނީ އަތް ނުފޯރާ ފަށަށް މައްޗަށް ގޮސްފަ އެވެ. އޭގެ ނަތީޖާއަކީ އިގްތިސާދު ރަނގަޅުވަމުން ދިޔަ ދިޔުން މަޑުޖެހި, ގައުމުތަކުގެ އިންފްލޭޝަން ބޮޑުތަނުން އުފުލިގެން ދިއުމެވެ. މި ހުރިހާ ކަމަކާއި އެކު ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން އޮތް ގޮންޖެހުންތައް އެތައް ގުނައެއް އިތުރުވެއްޖެ އެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތު މިހާ ގޯސްކޮށް އޮތް ވަގުތެއްގައި ރާއްޖޭން އަންނަ އަހަރަށް މިވަނީ 42.7 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅައިފަ އެވެ. އާމްދަނީގެ ގޮތުގައި ހިލޭ އެހީ އާއި އެކު ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 32.1 ބިލިއަން ރުފިޔާ އެވެ. އެކަމަކު 42.7 ބިލިއަން ރުފިޔާ ހަރަދުކުރަން އޮތީ ނިންމާފަ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ ބާކީ 8 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.
ބަޖެޓް ފޯކަސް, އިގްތިސާދު އަދި ދަރަނި
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ކޮވިޑް-19ގެ އިގުތިސާދީ ކާރިސާއާ އާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުމާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ކުޑަކޮށް, ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ ބަޖެޓެވެ.
މީގެއިތުރުން, ކޮވިޑާ ގުޅިގެން ދަރަންޏަށް ފައިސާ ނަގައިގެން ބަޖެޓް ފައިނޭންސް ކުރުމުން އެކަމުގެ އަގު ކުރިއަށް އޮތް ތަނުގައި ދައްކަން ޖެހޭނެ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ. ކުރިން މިކަމަށް ދެކޮޅު ހެއްދެވި އެވެ. އެ އަގު ދައްކަންޖެހޭނެތީ މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުތައް ހަނި ނުވާނެ ގޮތަށް ފިޔަވަޅުތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ބޮޑު އިސްކަމެއް އަދި ސަމާލުކަމެއް ދީފައިވާނެ ކަމުގައި ވިދާޅުވި އެވެ.
ކޮވިޑް-19ގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓު. މި ބަޖެޓާ ހަމައަށް އާދެވުނީ އިގްތިސޯދީ ގަދަ ކަނޑެއްގައި ދަތުރުކުރުމަށްފަހު. ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ގޮންޖެހުން އަދިވެސް ބޮޑު. މުޅި ދުނިޔޭގެ އިގްތިސޯދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފައި. ރަޝިއާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިގައްޖެ. ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް. ތަރައްގީވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓަރެސްޓް ރޭޓުތައް މަތިކޮށްފި. އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ދެނެގަންނަން.އިބްރާހީމް އަމީރު | ފިނޭންސް މިނިސްޓަރު
އިގްތިސާދީ ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މި އަހަރުގެ ބަޖެޓުގައި ވެސް ގާތްގަނޑަކަށް 25 ޕަސެންޓަކީ ދަރަންޏާ ގުޅޭ ހަރަދެވެ. އެހެންވެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލް ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ އަދަދު އަހަރުން އަހަރަށް ބޮޑުތަނުން އުފުލެން ފެށުމާއި, އެ އުފުލުމާއި އެއްވަރަށް އިގްތިސާދު ފުޅާވެގެންދާ މަންޒަރު އެހާ ސާފުކޮށް ނުފެންނާތީ އެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށްވާތީ ސަރުކާރުގެ ހަރަދުތައް ސީދާ ގޮތުންވެސް ނުސީދާ ގޮތުންވެސް އިންތިހާބާ ގުޅިގެން އިތުރުވެގެން ދާނެ އެވެ. ސަރުކާރުގެ އިސްވެރިން ގަބޫލުނުކުރެއްވި ނަމަވެސް އެއީ އެކަން ހިނގާނެ ގޮތެވެ. އެހެންކަމުން އެފަދަ "ސިޔާސީ" އަދި "ބޭކާރު" ހަރަދުތަކުގެ ސަބަބުން ކުރިމަތިވާނެ އިތުރު މާލީ މައްްސަލަތައް ހުންނާނެ އެވެ. އަންނަ އަހަރުގެ ބަޖެޓަކީ ރައީސްގެ ވައުދުތައް ފުއްދާނެ ބަޖެޓް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމަކީވެސް އަދި ވަކިން ކަންބޮޑުވާ މައްސަލަ އެކެވެ. އެކަމުން ވެސް އެނގެނީ އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒު ހިފާފައިވަނީ ހާލަތާ ނުބައްދަލު ހަރަދުކޮށްގެންވެސް ރިޔާސީ އިންތިހާބު ހޯދުމަށް ކަމެވެ.
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރި އަރާނެ ކަމަށް ލަފާކޮށްފައި ވަނީ 7.6 ޕަސެންޓްގަ އެވެ. ނަމަވެސް އޭގެ ފަހުން ދެން ކުރިއަށް އޮތް ތިން އަހަރު ވެސް އެ އަދަދު މަޑުޖެހި 7.1 ޕަސެންޓްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުތައް ހިމެނައިގެން އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި 113 ބިލިޔަން ރުފިޔާ އަށް އަރާނެ އެވެ. އެއީ އަންނަ އަހަރު ގައުމީ އިފެއްދުންތެރިކަން ކުރިއަރާ ނިސްބަތަށް ބަލައިގެން ހިސާބު ޖަހާނަމަ, ޖީޑީޕީގެ 108.9 ޕަސެންޓް ވަރެވެ. މިހާރު އެ އަދަދު އުޅެނީ 106 ބިލިޔަނުގައި ކަމަށް ވާއިރު އެއީ މިހާރުގެ ޖީޑީޕީ އަށް ބަލާނަމަ 111 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީގެ އަމާޒަކީ 2025 ގައި ދަރަނީގެ ނިސްބަތް ޖީޑީޕީގެ 102 ޕަސެންޓަށް ދައްކުރުމެވެ. އެކަން ހާސިލް ކުރެވޭނެތޯ އެއީ ދޫކޮށްލާ ސުވާލެކެވެ.
ދަރަނި ކުޑަކުރުމަށް ހަރަދު ކުޑަކުރަން ޖެހޭ
ދައުލަތުގެ ދަރަނި އަތްނުފޯރާ ފަށަށް މިހާރު ވެސް މިވަނީ އުފުލިފަ އެވެ. އެކަމަކު ސީރިއަސް ކަމާއި އެކު އެކަމަށް އެދެވޭ, އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރާތީއެއް ނުފެނެ އެވެ. ސަރުކާރުގެ އިދާރާއަކުން ފެން ބިލެއް ކުޑަކޮށްލުމަށް ފިޔަވަޅު އަޅަން އެންގުމަކީ މުޅި ދައުލަތުން ކުރާ ބޭކާރު ހަރަދަށް ބަލާއިރު އަދި ނަތީޖާ ފެންނާނެ މިންވަރެއް ނޫނެވެ.
ދައުލަތުގެ ދަރަނި ކުޑަކުރަން މަސައްކަތް ކުރޭތޯ އުފެދޭ ސުވާލުތަކަށް ބާރު ލިބޭ ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުން ވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން ސިޔާސީ މީހުންނަށް ކުރާ ހަރަދު, ގައުމުގެ އިގްތިސާދު ނާޒުކު ދުވަސްވަރެއްގައި އެތައް ގުނައެއް އިތުރު ވުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދު ފުއްދުމުގެ ނަމުގައި މިވަގުތަށް ކޮންމެހެން ކުރަންނުޖެހޭ ހަރަދުތަކެއް ވެސް ހުރީ ބަޖެޓުގައި ހިމަނާފަ އެވެ. މިސާލެއް ފާހަގަކުރާނަމަ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް 493 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ދުނިޔޭގެ އިގްތިސާދީ ހާލަތާއި ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުން ނުވަތަ ހާމަނައިޒް ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމު މިވަގުތަށް މަޑުޖައްސާލުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ވަނީ ލަފާ ދީފަ އެވެ. އެހެންކަމުން ރައީސްގެ ވައުދެއް ފުއްދާލުމުގެ ނަމުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް އެކަނި ބޮޑުކުރުމުގެ ބަދަލުގައި ހާލަތު ރަނގަޅުވުމުން މުޅި ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނައުން މާ ރަނގަޅުވާނެ އެވެ.
ޓެކްސް ބޮޑުކޮށް, ދައުލަތުގެ އާމްދަނީ އިތުރު ކުރަން ނިންމާފައިވާއިރު, ގާތްގަނޑަކަށް ބައި ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް ސިޔާސީ މަންފާއަށް ވައްދާ މުވައްޒަފުންނަށް ހަރަދުކޮށްލުމަކީ އިންސާފެއް ނޫނެވެ. އެއީ ރައްޔިތުންނަށް އޮތް ރަނގަޅެއް ނޫނެވެ.
ޓެކްސް ބޮޑުކުރުން, އާންމުންނަށް ބުރަ ބޮޑު ވާނެ
ދައުލަތުގެ އާމްދަނީ އިތުރު ކުރަން އެއްވެސް މީހަކު ދެކޮޅެއް ނުހަދަ އެވެ. ޓެކްސް ނަގާކަށް ވެސް އަދި ޓެކްސް ބޮޑު ކުރާކަށް ވެސް ހަގީގަތުގައި ގިނަ މީހުން ދެކޮޅެއް ނޫނެވެ. އިގްތިސާދު ފުނޑިގެން ނުދިޔުމަށް އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެއީ އެކަން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މައްސަލަ އަކީ ކުއްލި ކުއްލިއަށް އަވަސް އަވަހަށް ޓެކްސްތަކާ ކުޅެ އެގޮތް މިގޮތް ހެދުމެވެ. ޓެކްހެއް ނަގާއިރު އަދި ޓެކްހެއް ބޮޑު ކުރާނަމަ ވެސް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ އެވެ. އާންމުންގެވެސް އަދި ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ވެސް އެ ވަގުތު ނުދީ ޓެކްސް ބޮޑުކުރުމެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ރޭޓް 6 އިން 8 ޕަސެންޓަށް ބޮޑު ކުރުމުން, އަންނަ އަހަރުގެ ތެރޭގައި 973.3 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލާލުމުން 2.7 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށްވެސް ސަރުކާރުން އެވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ޓެކުހަށް ގެންނަ ބަދަލުން އެކަނި އަންނަ އަހަރު ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދުމަށް ބަޖެޓުގައި އެވަނީ ހިމަނާފަ އެވެ. އެކަމުން ފައިދާތަކެއް ދައުލަތަށް ކުރި ނަމަވެސް އާންމުންނަށް ކުރާ ގެއްލުން މާބޮޑުވާނެ އެވެ. ބޮޑު ޓެކްސްއާ އެކު ތަކެތީގެ އަގު މައްޗަށް ދާނެ އެވެ. މިއީ މާޒީގައި ވެސް ކަން ހިނގާފައިވާ ގޮތެވެ.
ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމާއި, ޓެކްސް ބޮޑު ކުރަން ނިންމުމުން އަގުތަކަށް އަންނަ ބަދަލުތަކާއި އެކު އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓަށް އުފުލޭނެ ކަމަށްވެސް ބުނަނީ ފިނޭންސް މިނިސްޓްރީންނެވެ. އިންފްލޭޝަނަށް ކުރާ އަސަރު ސީދާ ގޮތުން އިގްތިސާދަށް ކުރާނެ އެވެ.
ޓެކްސް ބޮޑުވެ, އިންފްލޭޝަނާއި އެކު އާންމުންގެ ޖީބަށް ބުރަ ބޮޑުވެގެން ދާއިރު, ސަރުކާރު މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއްގެ މުސާރަ އަށް އެ ބަދަލާއި އެއްވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. އެހެންކަމުން ހަގީގަތުގައި އަންނަ އަހަރުގެ ބަޖެޓަކީ އާންމުންނަށް ގޮންޖެހުމެއް ކަމަށް ވެދާނެ ބަޖެޓެކެވެ.
ރެކޯޑް މިންވަރަކަށް ރިޒާވް ދަށްވާނެ!
ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން އާންމުންނާއި ގުޅޭ ކަންކަމަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް އިރު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ހުންނަނީ 606.3 މިލިއަން ޑޮލަރު ކަމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. މި އަހަރު ނިމޭއިރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 638 މިލިއަނުގަ އެވެ. އެހެންކަމުން އަންނަ އަހަރު ދައުލަތުގެ ރިޒާވް އިން 31.7 މިލިއަން ރުފިޔާ -- 488.8 މިލިއަން ރުފިޔާ މަދުވާނެ އެވެ.
އަންނަ އަހަރު ރެކޯޑް އަދަދަކަށް ރިޒާވް ދަށްވާ ނިސްބަތް 2020 ވަނަ އަހަރާ އަޅާ ބަލާނަމަ އެއީ ގާތްގަނޑަކަށް 379 މިލިޔަން ޑޮލަރުގެ ބޮޑު ވެއްޓުމެކެވެ. އަންނަ އަހަރުވެސް ރާއްޖޭން ދައްކަންޖެހޭ ދަރަނިތަކެއް ހުރިއިރު ރިޒާވް މިހާ ބޮޑަށް ވެއްޓިގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދައުލަތުގެ ރިޒާވްއާ ގުޅޭގޮތުން ބޭރުގެ ކަމާގުޅޭ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރުމުން އެކަމަށްވެސް ސަރުކާރުން ގެންދަނީ ރައްދު ދެމުންނެވެ. ސަރުކާރުން ދަނީ ކުރު މުއްދަތުގައި ރާއްޖޭން ދަރަނި ދެއްކުމަށް ހުރަހެއް ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރުކޮށް އެބަ ބުނެ އެވެ.
އެކަމަކު އެތައް ބިލިޔަނަކުން ދަރަނި އިތުރުވެ, ރެކޯޑް މިންވަރަކަށް ރިޒާވް ދަށަށް ގޮސް, ޓެކްސް ބޮޑުކޮށް, އިންފްލޭޝަން މަތިވެ, އާންމުންގެ ޖީބަށް ބުރަ ބޮޑުވާއިރު މި އަހަރުގެ ބަޖެޓުގެ ހަގީގީ އަމާޒު ހާސިލް ކުރެވިދާނެ ކަމާ ދޭތެރޭ ޝައްކުވެ އެވެ.