ލޯކަލް ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހާ އެއްގޮތަށް ލޯކަލް ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވަނީ އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރާތީ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާލީ ބާރުވެރިކަން ކައުންސިލްތަކަށް ލިބިފައިވާކަން އަމީރު ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ދައުލަތަށް ލިބޭ އާމްދަނީއަކަށް ބެލުމަށްފަހު ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިހްތިސާސް ހިނގާ ބިންބިމުގެ ކުލި ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރުވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އަދި އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި ލިބޭ އާމްދަނީ އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށެއްގެ ކައުންސިލަށް ޖަމާކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ.
ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު 2019 ވަނަ އަހަރު މަޖިލީހުން ވަނީ ފާސްކޮށްދީފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ ގޮތުގައި އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަހެއް އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެ އެވެ.
ލާމަރުކަޒީ އިސްލާހުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ. އެ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް ކޮވިޑް 19އާ ކުރިމަތިލާން ޖެހުމާ ގުޅިގެން އެ އަހަރު ކައުންސިލްތަކަށް ދޫކުރީ 550 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރާއި އަދި މިއަހަރު ކައުންސިލްތަކަށް ގްރާންޓް އެހީގެ ގޮތުގައި ދޭން ނިންމީ 1.5 ބިލިއަން ރުފިޔާ އެވެ.
ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށް ނިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެމުންނެވެ. އެގޮތުން ކައުންސިލްތަކުން ކުންފުނި ހަދައިގެން ވިޔަފާރިކުރުމާއި ކައުންސިލްތަކުން އަމިއްލަ އަށް އިންވެސްޓަރުން ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ކައުންސިލްތަކުގެ ނަމުގައި ލޯން ނެގުމާއި އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރެވޭނެ ގޮތް ހެދުމަށްވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.