ފިނޭންސް މިނިސްޓްރީ

ރިޒާވް ހުސްވެ ޑިފޯލްޓް ނުވާނެ: އަމީރު

ރާއްޖޭގެ ރިޒާވް ހުސްވެ ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު އެކި ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިރޭ ކުރެއްވެވި ޓްވީޓްތަކެއްގައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތް ސާފުކޮށް ދެއްވުމުގެ ގޮތުން މިނިސްޓަރު ވަނީ ވަރަށް ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ދަރަނި ދެއްކުމުގެ ގާބިލްކަން ދައުލަތުގައި އެބަހުރި ކަމަށާ މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.

އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

އަދި ވިދާޅުވީ ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށެވެ. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ސަރުކާރުން ދަނީ ގާތުން ބަލަމުން ކަމަށްވެސް ވިދާޅުވިއެވެ.

"ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ގްރާފްތަކުން ތަފާސް ހިސާބުތައްވެސް ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސްވެ ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ‏މިފަދަ ވާހަކަތައް ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ. މިއީ އިގްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުން. މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިގްތިސާދުގެ ސައިޒަށް ރުޖޫއަވެވޭނެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްހީ އަދި އިގްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ،" އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް. ‏މިފަދަ ވާހަކަތައް ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް. އިގްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

ދުނިޔޭގެ އިގްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށާ މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް މިނިސްޓަރު މިރޭ ވިދާޅުވިއެވެ. އަދި ސަރުކާރުން ދަނީ ހާލަތު މޮނިޓާކޮށް ފިޔަވަޅު އަޅަމުން ކަމުގެ ޔަގީންކަން ދެެއްވެވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ހާއްސަކޮށް ތެލުގެ އަގުގު ސަބަބުން ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާ ކަމަށާ ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.

"ދައުލަތުގެ އާމްދަނީވެސް ވަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފައި. ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސް ކުރުން. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.