ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައު ސަބްސިޑީއެއް ދޭން ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ނަރުދަމާ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ 180 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަނަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ މެއި - ޖޫން ހިސާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 134 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނަރުދަމާ ނިޒާމު ގާއިމުކުރުމަށްފަހު އެ ނިޒާމު މަރާމާތު ކުރުމާއި ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި ރައްޔިތުންގެ އަތުން ފީ ނަގައިގެން އެ ހަރަދު ހަމަޖެއްސޭނެ އުސޫލެއް އަދި ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި އެ ސަބްސިޑީ ހިމެނީ ރައްޔިތުންނަށް އެ ބުރަ ނުޖެހޭ ގޮތަށް ކަންތައްތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ފެނަކައަށް އެ ފައިސާ ހަމަޖައްސަން ނިންމީ ނަރުދަމާ އެޅުމަށާއި އެ ނިޒާމު ބެލެހެއްޓުމަށް ފެނަކަ އިން ބޮޑު ހޭދައެއް ކުރާނެތީ ކަމުގައިވެސް ވިދާޅުވި އެވެ.
ދަތުރުފަތުރާއި ގުޅުންހުރި ހިދުމަތްތައް އަގު ހެޔޮކުރުމަށް ސަރުކާރުން ސަބްސިޑީ ދެނީ އެކި އިދާރާތަކަށް އެކި މިންވަރަށެވެ. ނަމަވެސް އެ އަދަދު އަންނަ އަހަރު ދޭނީ ވަކި އިދާރާއަކަށް ކަމަށާއި އެ އަދަދު އެކި ދިމާތަކަށް ދޫކުރާނީ އެ އިދާރާ އިން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދަތުރުފަތުރާއި ގުޅުންހުރި ދާއިރާތަކުގެ ސަބްސިޑީއަށް 300.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާރު ހުރި މިންވަރުން ސަބްސިޑިއާ ގުޅޭ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއެކުވެސް 588 މިލިއަން ރުފިޔާ އާއި 788 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަރަންޓް ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޓާގެޓެޑް ސަބްސިޑީގެ ގޮތުގައި ފަގީރު ގޭބިސީތަކަށް ދިނުމަށް 169 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.