ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް 42.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ބަޖެޓުގެ ހަރަދު 40 ބިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފި އެވެ.
މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގައުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އަދި އިގުތިސާދީ ތަރައްގީ ގެނައުމަށް ކުރެވޭ ހަރަދުތަކަށް ކަމަށެވެ.
ދައުލަތުގެ ހަރަދުތަކުގެ އިތުރަށް ބަޖެޓުގެ ތެރެއިން ލޯނު އަނބުރާ ދެއްކުމަށްވެސް ބޮޑު ހޭދައެއް އަންނަ އަހަރު ކުރާނެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 67 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި ބަޖެޓުގެ 33 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން ބޮޑު ހަރަދެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ މުވައްޒަފުންނަށް ހިނގާ ހަރަދަށާއި އެކިއެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދުތަކަށެވެ. އޭގެ އިތުރުން ހިދުމަތް ދިނުމުގެ ހަރަދަކީވެސް ރިކަރަންޓް ހަރަދެވެ.
އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް އަންނަ އަހަރު 10.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މީގެތެރެއިން 5.3 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދަށް އަދި ރިކަރަންޓް ހަރަދަށް 5.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެގޮތުން ތިލަމާލެ ބުރިޖު އާއި ގުޅީފަޅު ޕޯޓު މަޝްރޫއުގެ އިތުރުން އެކި ރަށްތަކުގައި ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއުތައް ބަޖެޓުގައި ބޮޑެތި އަދަދުތަކުން ފައިސާ ވަނީ ހިމަނާފަ އެވެ. ބަޖެޓުގައިވާ ގޮތުން ކެޕިޓަލް ހަރަދުގެ ތެރެއިން ދެން އެންމެ ބޮޑު ހޭދައެއް ކުރާނީ ލޯނު އަނބުރާ ދެއްކުމަށެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް އިތުރު 1،000 މުވައްޒަފުން އިތުރުކުރުމަށް ރާވާފައިވާތީ އެބައިގެ ހަރަދުވެސް ބަޖެޓުގައި ވަނީ ހިމަނާފައިވެ އެވެ.
އަންނަ އަހަރުގެ ބައެއް ހަރަދުތައް
- މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް - 10.1 ބިލިއަން ރުފިޔާ
- ޕެންޝަން - 1.8 ބިލިއަން ރުފިޔާ
- އޮފީސް ހިންގުމުގެ ހަރަދު - 3.3 ބިލިއަން ރުފިޔާ
- ހިދުމަތް ދިނުމަށް ހޯދާ ތަކެތި - 1.1 ބިލިއަން ރުފިޔާ
- އާސަންދަ - 1.0 ބިލިއަން ރުފިޔާ
- އެސްއޯއީތަކަށް ދޫކުރާ ކެޕިޓަލް - 370.6 މިލިއަން ރުފިޔާ
- ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް - 1.7 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރު އަލަށް ފަށާ 204 މަޝްރޫއަކަށް 483.7 މިލިއަން ރުފިޔާ ހޭދަކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
ޓެންޑަރިން މަރުހަލާގައިވާ 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޕްރި-ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަށް 1.27 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. އަދި ހިނގަމުންދާ 1،211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
ޕީއެސްއައިޕީ ބެހިފައިވާ މަޝްރޫއުތައް
އާންމު ހިދުމަތާއި އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކާއި ދަރަނީގެ ހަރަދަށް 8.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ ހަ ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ދަރަނީގެ ހިދުމަތުގެ ހަރަދަށް 1.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކުރާއިރު ދަރަނި އަނބުރާ ދެއްކުމަށް 2.1 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދިފާއީ ކަންތައްތައް ބެލެހެއްޓުމާއި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމުކުރުމަށް 5.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު މީގެ ތެރެއިން 4.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ ރިކަރަންޓް ހަރަދަށެވެ.
ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މީގެތެރޭގައި ރިކަރަންޓު ހަރަދުގެ ގޮތުގައި ހިމެނޭ ހަތަރު ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 554 މިލިއަން ރުފިޔާ ހިމެނެ އެވެ.
ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތްތަކަށް 2.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު މީގެތެރޭގައި ރިކަރަންޓް ހަރަދަށް 1.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 951 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކައުންސިލްތަކަށް ދޫކުރާ ގްރާންޓް އެހީގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އާއި އެކި ރަށްރަށުގައި ހައުސިން ޔުނިޓު އެޅުމަށް ކަނޑައަޅާފައިވާ 395 މިލިއަން ރުފިޔާ ވެސް ހަރަދުގެ ގޮތުގައި ހިމެނެ އެވެ. މީގެއިތުރުން ނޭޝަނަލް ޝޯޝަލް ހައުސިން ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައިވާ 286 މިލިއަން ރުފިޔާ ވެސް ހަރަދުގެ ގޮތުގައި ހިމަނާފައިވެ އެވެ.