އިބްރާހިމް އަމީރު

ދަރަނި ކުޑަކުރަން ވަރަށް ބޮޑު އިސްކަމެއް ދެން: އަމީރު

ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުންނާ މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 13.8 އިންސައްތައިގައި ކަމަށެވެ. މިއަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 14.3 އިންސައްތައިގަ ކަމަށެވެ. ނަމަވެސް މިއަންނަ އަހަރު ދަރަނި ހުންނާނއެ ކަމަށް ލަފާ ކުރެވެނީ 8.4 ބިލިއަން ރުފިޔާގައޮ ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 8.1 އިންސައްތަ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތަކީ މުޅީ ދުނިޔޭގެވެސް އަދި ރާއްޖޭގެ އިގްތިސޯދަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމާއި މިއަހަރު ފެށުނުއިރު ކުރިމަތިވި ޔުކްރޭން އަދި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް އިތުރު ލޮޅުންތަކެއް އަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން 2020 ވަނަ އަހަރު އެކަނި ވެސް ރާއްޖޭގެ އިގްތިސޯދު 33.5 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. އަދި އެ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ 50 އިންސައްތައަށް ވުރެ ބޮޑު އެއްޗެއް ދަށްވި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު 41.6 އިންސައްތަ ކުރިއަރާފައިވަނީ ސަރުކާރުން އެޅި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމަށާއި އެހެން ދާއިރާތަކަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގްތިސޯދު 13 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ." އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން އެކުލަވާލާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.