ބަޖެޓު 2023

ތިމާވެށި ރައްކާތެރިކުރަން ދެ ބިލިއަން ރުފިޔާ

ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ ބިލިއަން ރުފިޔާ ހިމަނައިފި އެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތިމާވެށި ރައްކާތެރިކުރުމުގެ ކެޕިޓަލް ހަރަދަށް 1.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރިކަރަންޓު ހަރަދަށް 363 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކުނި މެނޭޖުކުރުމުގެ އެކި މަޝްރޫއުތަކަށް އަންނަ އަހަރު 624 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 567 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފުވައްމުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 217 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ މަޝްރޫއަށް 192 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ނަރުދަމާ ސަބްސިޑީއަށް 180 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއީ އަންނަ އަހަރު އަލަށްދޭ ސަބްސިޑީ އެކެވެ.

މީގެއިތުރުން ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް 142 މިލިއަން ރުފިޔާ އަދި ކުނި މެނޭޖުކުރުމުގެ ގޮތުން ދޭ ސަބްސިޑީއަށް 33 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މިހާރު ހިނގަމުންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 304.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަލަށް ފަށާ މަޝްރޫއުތަކަށް 8.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ހިނގަމުންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ތިމާވެށީގެ ތަފާތު މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާވެސް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެެވެ.