ސަރުކާރަށް 15 އެމްބިއުލެންސް ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލި ބީލަމަށް ބޮޑު އަގު ހުށަހަޅައިގެން ކާމިޔާބު ކުރި އިންޑިޔާގެ މޯހަން މުތާ އެކްސްޕޯޓްސްއަށް މަޝްރޫއު ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީން ކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްބިއުލެންސް ގަތުމަށް މިދިޔަ އޭޕްރިލް މަހު ފިނޭންސް އިން ހުޅުވާލި ބިޑަށް މޯހަން މުތާ އެކްސްޕޯޓްސްގެ އިތުރުން އޭޑީކޭ އާއި އެހެން ގިނަ ދިވެހި ކުންފުނިތަކެއް ވެސް ކުރިމަތިލި އެވެ.
އެ މަޝްރޫއަށް އޭޑީކޭ އިން ހުށަހެޅީ އެމްބިއުލާންސްތައް 59 އާއި 89 ދުވަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާއަށް ގެނެސްދިނުމަށެވެ. އަދި އިންޑިޔާގެ ކުންފުނިން ހުށަހެޅީ 90 ދުވަހުގެ ތެރޭގައި 8.7 ރުފިޔާއަށް އެމްބިއުލާންސްތައް ގެނެސް ދޭށެވެ. އެއީ އޭޑީކޭ އިން ހުށަހެޅި އަގަށް ވުރެ 780،180 ރުފިޔާ ބޮޑު އަދި މުއްދަތު ދިގު ހުށަހެޅުމެކެވެ.
އެ މައްސަލަ ފެންމަތިވެ އަދި ޝަކުވާއެއް ހުށަހެޅުމުން އޭސީސީން މިހާރު ގެންދަނީ ބަލަމުންނެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން މީޑިއާތަކާ ބައްދަލު ކުރައްވައި އަމީރު ވިދާޅުވީ ޓެންޑާ ކުރުމުގެ މަރުހަލާގައި ހަމައެކަނި ބަލާނީ އަގާއި މުއްދަތަކަށް ނޫން ކަމަށާއި އެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވޭތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޓެކްނިކަލް އިވެލުއޭޝަންއެއް ހެދުމަށް ފަހު އެންމެ ގާބިލު ކުންފުންޏަށް ހަވާލު ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ ކަމެއް ކުރިޔަށް މި ގެންދަނީ ވަރަށް ޓްރާންސްޕޭރަންޓުކޮށް. އޭސީސީ އިން މިފަދަ މައްސަލަތައް ކުރިޔަށް ދާ ގޮތް ބެލުމަކީ އާ ކަމެއް ނޫން. މަޝްރޫއުތަކުގެ ބިޑިން ޕްރޮސެސް ރަނގަޅަށް ހިނގާތޯ އަބަދުވެސް އެ ކޮމިޝަން އިން ބަލާނެ،" އަމީރު ވިދާޅުވި އެވެ.
އޭޑީކޭގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ތަފްސީލުތަކެއް އަމީރު ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް އިންޑިޔާގެ ކުންފުންޏަށް މަޝްރޫއު ހަވާލު ކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ނުހިނގާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން މި މަޝްރޫއު ވެސް އަދި އެހެން މަޝްރޫއެއްވެސް މި ސަރުކާރުން ބަޔަކާ ހަވާލު ކުރާއިރު އެއްވެސް ނުފޫޒެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިނގާނެކަން. އެކަން ނުވާ ގޮތަށް އަޅުގަނޑުވާނީ އެތަށް ފިޔަވަޅެއް އަޅާ އެފަދަ މައްސަލަތައް ބެލޭ ގޮތް ހަދާފައި،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން އަބަދުވެސް އިސްކަމެއް ދޭނީ ދިވެހި ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރުމަށެވެ. އެހެން ނަމަވެސް ރަނގަޅު ޕްރޮޕޯސަލްތައް ހަދައިގެން ހުށަހަޅާ ބަޔަކަށް ނުދީ އެހެން ބަޔަކަށް ދިނުމަކީ ވެސް އޭގެ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ދިވެހި ކުންފުނިތަކަށް ގިނަ މަޝްރޫއު ދެވޭ ގޮތަށް ސީލިންއެއް ހެދަން. އެއީ 100 މިލިއަން ރުފިޔާގެ ހުރިހާ މަޝްރޫއެއް ހަމައެކަނި ހަވާލު ކުރެވޭނީ ދިވެހި ކުންފުންޏަކަށް ކަމަށް ކަނޑައަޅާ އޭގެ ގައިޑްލައިންސް ނެރެން،" އަމީރު ވިދާޅުވި އެވެ.
މޯހަން މުތާ އެކްސްޕޯޓްސްއަށް މަޝްރޫއު ހަވާލު ކުރި މައްސަލާގައި ސަރުކާރަށް ގިނަ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ އެ ކުންފުންޏަށް ކުރިން ވެސް ހަވާލު ކުރި މަޝްރޫއެއްގެ ގިނަ މައްސަލަތަކެއް ޖެހިފައި އޮއްވާ އަލުން ހަމަ އެކުންފުންޏަށް މަޝްރޫއު ހަވާލުކޮށްފައިވާތީ އެވެ.