ހަބަރު

ކުޑަ އަގު ލީ އޭޑީކޭން، ޕްރޮޖެކްޓް ދިނީ ބޮޑު އަގުކީ އިންޑިއާ ކުންފުންޏަށް

Sep 26, 2019
3

އެމްބިއުލެންސްތަކެއް ގަތުމަށް ހުޅުވާލި ބީލަމަށް އަގު ބޮޑުކޮށް ހުށަހެޅި އިންޑިޔާގެ ކުންފުންޏަކަށް މަޝްރޫއު ހަވާލު ކުރި މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ރާއްޖެއަށް 15 އެމްބިއުލެންސް ގަތުމަށް ފިނޭންސް މިނިސްޓްރީ އިން ހުޅުވާލި ބިޑަށް ކުރިމަތިލި އިންޑިޔާގެ މޯހަން މުތާ އެކްސްޕޯޓްސްއަށް އެ މަޝްރޫއު ދިނުމަށް ނިންމާފައި ވަނީ އެއަށް ވުރެ އަގު ހެޔޮކޮށް އެހެން ކުންފުނިތަކުން ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަ ފިނޭންސް މިނިސްޓްރީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަދި އޭސީސީއަށް ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭޑީކޭ އިން ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އާ ވާހަކަ ދައްކަވަމުން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާމީން ވިދާޅުވީ އެމްބިއުލެންސްތައް ގެންނަން އޭޑީކޭ އިން ހުށަހެޅީ 7.9 މިލިއަން ރުފިޔާއަށް 59 އަކާއި 89 ދުވަސް ތެރޭގައި ކަމަށާއި ނަމަވެސް އިންޑިޔާގެ ކުންފުނިން 90 ދުވަހުގެ ތެރޭގައި ގެންނަ ގޮތަށް 8.7 ރުފިޔާ ހުށަހެޅި ކަމަށެވެ. އެއީ އޭޑީކޭ އިން ހުށަހެޅި އަގަށް ވުރެ 780،180 ރުފިޔާ ބޮޑުކޮށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުމެން މިދިޔަ ހަފުތާގެ ތެރޭގައި ވާނީ އެ މައްސަލަ އޭސީސީއަށް ހުށަޅާފައި. މިހާރު އެކަމާ ބެހޭ ރަސްމީ ބަހެއް ނުލިބެ، އެކަމަކު އަޅުގަނޑުމެން ހާޒިރުކޮށް ބިޑުގެ ތަފްސީލް ވަނީ ހޯދާފައި،" ޔާމިން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އެމްބިއުލެންސް ހޯދަން އިއުލާން ކުރީ މިދިޔަ އޭޕްރީލް 18 ގަ އެވެ. އެ ފަހަރު ވެސް އޭޑީކޭއާއެކު ގިނަަ ކުންފުނިތަކެއް ކުރިމަތިލި އެވެ. ނަމަވެސް ފަހުން އެ އިއުލާން ބާތިލު ކުރުމަށް ފަހު އަލުން ހުޅުވާލި އެވެ.

ރާއްޖޭގެ ޕްރޮޖެކްޓްތައް މިހާރު އެންމެ ގިނައިން އެވޯޑް ކުރާ ކުންފުންޏަކީ އިންޑިއާގެ މޯހަން މުތާ އެވެ.