ފިނޭންސް މިނިސްޓްރީ

ލޯނުތަކުގެ ތެރެއިން 24 ބިލިއަން ރުފިޔާ ނުލިބި

ދިވެހި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 24 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް ފިނޭންސް މިނިސްްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭރުގެ ލޯނުތަކުގެ ތެރެއިން ޖުމްލަ 24.2 ބިލިއަން ރުފިޔާ އަދި ނުލިބެ އެވެ.

އޭގެ ތެރެއިން 64.9 ޕަސެންޓަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ނުލިބިހުރި 15.7 ބިލިއަން ރުފިޔާ އެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އެސްޑީއެފް) އިން ނެގި ލޯނުތަކަށް 1.59 ބިލިއަން ރުފިޔާ އަދި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) އިން 1.18 ބިލިއަން ރުފިޔާވެސް އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ނުލިބި އެބަހުއްޓެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގަ އެވެ.

މީގެ ތެރެއިން 74.5 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. އަދި 51.6 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ.