ދައުލަތުގެ ދަރަނި އަންނަ އަހަރުގެ ނިޔަލަށް 129.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ "ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024-2026"ގައި މެދުރާސްތާގެ ދަރަނީގެ އަންދާޒާގައިވާ ގޮތުން ޑައިރެކްޓް އަދި ގެރެންޓީ ދީފައިވާ ދަރަނި ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު 111.6 ޕަސަންޓަށް އަރާނެ އެވެ.
އެ މިނިސްޓްރީން ލަފާކުރާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 120.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
މެދުރާސްތާގެ ދަރަނީގެ އަންދާޒާ
- 2025 - 130.7 ބިލިއަން ރުފިޔާ
- 2026 - 128 ބިލިއަން ރުފިޔާ
- 2027 - 129 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 106.9 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ.
ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭގީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ގައެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ރުފިޔާ ވަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ.