ލޯނު ދެއްކުމަށް ދައުލަތުން މިއަހަރު ކުރި ހޭދަ ދެ ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ލޯނު ދައްކަން ދައުލަތުން ހޭދަ ކުރި އަދަދު ވަނީ 2.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއަހަރު ލޯނު އަނބުރާ ދެއްކުމަށް 2.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު އަނބުރާ ދެއްކުމަށް 3.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ 26.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެތެރޭގައި އިދާރީ ހަރަދުތަކަށް ހޭދަވި 12 ބިލިއަން ރުފިޔާ އާއި މުސާރަ ދިނުމަށް ހަރަދުކުރި 7.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.
މިމަހުގެ ހަތްވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި ދެއްކުމަށް ގައުމުތަކާ ވާހަކަ ދައްކައިގެން ލުއި ހޯދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
އަމީރު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކުން ލޯން ނަގާ ގައުމަކަށްވީ ނަމަވެސް ލޯން ނުދެއްކޭ ހާލަތެއް ރާއްޖެއަށް އެއްވެސް އިރަކު ކުރިމަތިވެފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ދަރަނީގެ ޖުމްލަ އަދަދު މިހާރު ވަނީ 100 ބިލިއަން ރުފިޔާ އިން މައްޗަށް އަރާފަ އެވެ. މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން، އަންނަ އަހަރު ލޯނު އަދާކުރުމަށް 4.9 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.