އިބްރާހިމް އަމީރު

ކުރީ ސަރުކާރުގެ ބޮލުގައި ދަރަނި އަޅުވައި އަމީރުގެ ހޫނު ރައްދެއް

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިޔައީ ކުރީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވައިފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަން ޖެހުނީ ކޮވިޑާ ގުޅިގެން އިންތިހާއަށް އިގްތިސާދަށް ދިމާވި ދަތިތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ނިމިގެން ދިޔަ ސަރުކާރުގައި ދަރަނި ނެގިއިރު ދުނިޔޭގެ އިގްތިސާދު އޮތީ ވަރަށް ރަނގަޅު ހާލަތުގައި ކަމަށެވެ.

"އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ކްލިޔާ. ރައީސް ޔާމީންގެ ސަރުކާރުގެ އެ ފަސް އަހަރަކީ މުޅި ދުނިޔޭގެ ވެސް އަދި ރާއްޖޭގެ ތާރިހުގައި ވެސް އެންމެ ރަނގަޅަށް އަދި އެންމެ ނޯމަލްކޮށް އިގުތިސޯދު ކުރިއަރަމުންދިޔަ އެއް ދައުރު،" އަމީރު މިއަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާއެކު ވެސް މި ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ އެންމެ 34 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޖުމްލަ 39.6 ބިލިއަން ރުފިޔާ އަށް އެ އަދަދު ހުރި ކަމަށެވެ.

"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ޖުމުލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާ. ރައީސް ވަހީދުގެ ސަރުކާރުގައި 6.2 ބިލިއަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުމުލަކޮށް ރެކޯޑް ކުރެވިފައި އެބައޮތް 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސަރުކާރުގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ޑެޓް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނެގައިގެން ކުރީ ކީއްތޯވެސް އަމީރު މިއަދު ސުވާލު އުފެއްދެވި އެވެ. އެގޮތުން ރާއްޖޭގެ ތައުލީމުގެ ނިޒާމާއި ސިއްހީ ދާއިރާއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން މަޝްރޫއުތައް ފެންވަރު ދަށްކޮށް ހިންގުމުން އަލުން އެ މަޝްރޫއުތައް ހިންގަން ޖެހި އިތުރަށް ފައިސާ ހޭދަކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ރާއްޖޭގެ އިދާރާތަކުން ބަލަން އަމީރު ގޮވާލެއްވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ދަރަނީގެ އަދަދަކީ 9.7 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމަށް 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.