ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މިދިޔަ ސަރުކާރުން ތަންފީޒުނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަތަކަށް ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މާލީ ހާލަތާއި އަދި ކުރިމަތިވެފައި އޮތް ފިސްކަލް ހިރާސްތަކާއި ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް އަދި މިނިސްޓްރީ ބަދުނާމުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކާމެދު ހިތާމަކުރާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2022 ވަނަ އަހަރު އެ މިނިސްޓްރީން ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީ ރޭޓްތަކަށް ގެނައި ބަދަލުތަކަކީ ހާލަތާއި ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތު މިދިޔަ ސަރުކާރުން ތަންފީޒުކޮށްފައިނުވާ ކަމަށެވެ.
"ނަމަވެސް ކޮވިޑް-19 ގެ ހާލަތުން ވީއްލިގެން އައިއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ، ހަރަދު ކުޑަކުރުުގެ ސިޔާސަތުތައް 17 ނޮވެމްބަރު 2023 ވަނަ ދުވަހާއި ހަމައަށްވެސް ހުރީ ތަންފީޒުނުކޮށް،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ މި ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަންޖެހޭ ދަރަނީގެ އަދަދު އިތުރުވުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާ ކަމަށާއި މެދު ރާސްތާގައި "ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް" ނުވަތަ ދަރަނި އަދާ ނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ފާހަގަކޮށްފައިވާ ކަމަށެވެ.
"މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބުވެސްމެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ ބަޖެޓު ފޮރުގައި އަހަރުގެ މެދު ތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުތައް ކުޑަކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ފްރޭމްވާކްއެއް ތައްޔާރުކޮށްފައި އޮތް ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާއި ހަމައަށްވެސް އެކަންކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތް ކަމަށެވެ.
"އަދުގެ ސަރުކާރުން މި އަންނަނީ މި އިސްލާހުތަކާއި ގުޅޭ ތަފުސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި، ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުން،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.