ދިވެހި ދައުލަތުގެ ދަރަނި ދެއްކުމަށް ގައުމުތަކާ ވާހަކަދައްކައިގެން ލުއި ހޯދުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ދަރަންޏާ ގުޅޭގޮތުން މިނިސްޓަރު އަމީރު މިއަދު މަޖިލީހަށް މައުލޫމާތު ހިއްސާކުރެއްވީ އެމްޑީޕީގެ ކުޅުދުއްފުށި އުތުުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ދަރަނި ދެއްކުމުގައި ދިވެހި ދައުލަތަށް ބުރަތަކެއް އޮތް ކަމަށް ގަބޫލުކުރައްވާތީ ޔާސިރު ސުވާލުކުރެއްވީ ރާއްޖެއަށް ލޯން ދޫކޮށްފައިވާ ގައުމުތަކާ ވާހަކަދައްކައިގެން ލޯން ދެއްކުމުގައި ސަރުކާރުން ލުއި ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުއްވުމަށެވެ.
އަމީރު ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ގައުމުތަކުން ލޯން ނަގާ ގައުމަކަށްވީ ނަމަވެސް ލޯން ނުދެއްކޭ ހާލަތެއް ރާއްޖެއަށް އެއްވެސް އިރަކު ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިމަތި ނުވާނެ ކަމަށް ދޭހަވާ ގޮތަށް އަމީރު ވަނީ ޖަވާބު ދެއްވާފަ އެވެ.
"އެހެންވީމާ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ޑިފޯލްޓްވާނެ ހާލަތެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ ދަރަންޏަށް ލުއި ގޮތްތައް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވާހަކަ ދައްކެމުގެ ވިސްނުމެއް އަދި އަޅުގަނޑުމެންގެ ނުގެންގުޅެން" އަމީރު ވިދާޅުވި އެވެ.
ދަރަނި ދެއްކުމަށް ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުން ނުދާ ކަމަށް އަމީރު ވިދާޅުވި ނަމަވެސް ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރީ ވަރަށް މަތީގައި ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދަނީ ބުނަމުންނެެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް މާލީ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.
ރާއްޖޭގެ ދަރަނީގެ ޖުމްލަ އަދަދު މިހާރު ވަނީ 100 ބިލިއަން ރުފިޔާ އިން މައްޗަށް އަރާފަ އެވެ. މީގެތެރެއިން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 31.5 ބިލިއަން ރުފިޔާގަ އެވެ.