އިބްރާހިމް އަމީރު

ދަރަނި ދެއްކުމަށް ދައްޗެއް ނެތް ކަމަށް އަނެއްކާވެސް ޔަގީންކޮށްދީފި

Oct 17, 2022
1

ދަރަނި ދެއްކުމަށް އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަރަނީގެ އަދަދު ބޮޑުވަމުން ދިޔަ ނަމަވެސް ދަރަނި ދެއްކުމަށް އެއްވެސް ދަތިކަމެއް މިވަގުތު ރާއްޖެއަށް ނެތް ކަމަށް މީގެކުރިންވެސް މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދަރަނި ބޮޑުވުމުން ކަންބޮޑުވުން ފާޅުކުރައްވާ މިނިސްޓަރު އަމީރުއާ ސުވާލުތައް ކުރައްވާފަ އެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ލަފާކުރި މިންވަރަށް ވުރެ ވެސް ރަނގަޅަށް ކޮވިޑް 19ގެ ފަހުން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ލަފާކުރީ މިދިޔަ އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދަށް 37 ޕަސަންޓްގެ ކުރިއެރުމެއްް ލިބޭނެ ކަމަށެވެ. ނަމަވެސް އެ އަދަދު އަހަރު ނިމުނުއިރު ހުރީ ގާތްގަނޑަކަށް 41 ޕަސަންޓްގައި ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވެގެން އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ އިގްތިސާދު މިހާރު މިހުރީ ރަނގަޅު ފައްތަރެއްގައި ކަމަށް،" އަމީރު ވިދާޅުވި އެވެ.'

ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް ރޭޓިން ކުންފުނި -- ފިޗް ރޭޓިންގައި ވެސް ރާއްޖޭގެ އިގްތިސާދު ހުރީ ބައެއް ދާއިރާތަކުގައި ރަނގަޅަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދަށް މިވަގުތު ލޮޅުމެއް އަންނަނަމަ އެއީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދަރަނި ދައްކަން ރާއްޖެއަށް އެންމެ އުނދަގޫވީ ކޮވިޑް 19ގެ ދުވަސްވަރު 2020 ވަނަ އަހަރުގައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އެކަނި ނަގާފައިވާ 39 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބައެއް، މިސަރުކާރުން އެންމެ އުދަނގޫ ދުވަސްތަކުގައި ދައްކާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނި ދައްކަން ދަތި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިސަރުކާރުގެ ދަރަނީގެ އަދަދު 37 ބިލިއަނަށް އެރީ ކޮވިޑް 19ގެ އުދަނގޫ ހާލަތު ދިމާވުމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުޖމަށާއި ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ލޯން ނެގުމުން ކަމުގައިވެސް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ސަރުކާރުން ދަނީ ތައްުޔާރުވަމުންނެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް ސަރުކާރުން ލަފާކުރި އަދަދަށް ވުރެ ހަރަދު އިތުރުވެފައިވާތީ ދައުލަތުގެ ޖުމްލަ ދަރަނި ބަޖެޓު ފޮތުގައި އޮތް އަދަދަށް ވުރެ އަހަރު ނިމޭއިރު ބޮޑު ވާނެ އެވެ.