ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުޅެނީ މުޅިންވެސް މަކަރާއި އޮޅުވާލުމުގެ ތެރޭގައި ކަމަށް ވިދާޅުވެ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ މިސަރުކާރުގައި ކުރިއަށް ބާކީ އޮތް ހަތަރު އަހަރުވެސް މިސަރުކާރުގެ ވެރިން އުޅުއްވާނީ "ކުރީ ސަރުކާރުގައި" ރައީސް އިބްރާހީމް ސޯލިހް ފަށްޓަވައިދެއްވާފައިވާ މަޝްރޫއުތައް ނިމުމުން އެ މަޝްރޫއުތަކުގެ ރިބަން ކަނޑައި އިފްތިތާހް ކުރުމުގައި ކަަމަށެވެ.
އަމީރު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން އޭގެ ކްރެޑިޓް ނަންގަވަން އުޅުން ފިޔަވައި އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށެވެ.
"އެ ނޫން ކަމެއް ކުރުމުގެ ބުއްދިއެއްވެސް ނެތް. ވައުދުވި ކަންކަން ކުރަން ނުވެސް އުޅޭ. މުޅިންވެސް މަކަރާއި އޮޅުވާލުމުގައި،" އަމީރު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ލޯން ނަގައިގެން ރާއްޖެ ދަރުވާލައި ބަނގުރޫޓް ކޮށްލާފައިވާ ކަމަށް މިސަރުކާރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އަމީރު މީގެކުރިން ވަނީ އެ ތުހުމަތުތަކަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އަމީރު ވިދާޅުވީ ލޯން ނެގީ ކޮންމެހެން ނަގަންޖެހޭ ހާލަތުގައި ކަމަށާއި ލޯން ދައްކާނެ ގޮތްތަކެއް އެމްޑީޕީގެ ސަރުކާރުގައި ރާވާފައި ހުންނާނެ ކަމަށެވެ. ލޯން ދައްކާނެ ގޮތެއް މިސަރުކާރުގެ ވެރިންނަށް ނޭނގޭނަމަ އެއީ އެ ބޭފުޅުންގެ ނާގާބިލްކަމުން ދިމާވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
މިސަރުކާރަށް ކުރީގެ ފިނޭންސް މިނިސްޓަރު ފާޑު ވިދާޅުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މީގެކުރިން އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ. އެގޮތުން
މިދިޔަ ފަސް އަހަރު ރާއްޖޭގެ މިސްރާބު ހުރީ ކޮރަޕްޝަންގެ ތެރެއަށް ގައުމު ގެންގޮސް ދަރުވާލާ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެމްޑީޕީން ވެރިކަން ނިންމާލިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް އިރު ނުވަ ބިލިއަން ރުފިޔާގެ ބިލް ނުދައްކާ ހުރި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.