ރޯދަ މަސް

ރޯދަ އިނާޔަތް މިމަހުގެ 20 ގެ ކުރިން ދޭން އަންގައިފި

އަންނަ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒިފުންނަށް ދޭން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތް މިރޭ ވަނީ އާންމު ކޮށްފަ އެވެ.

އެގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒިފަކަށް ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތު 3،000 ރުފިޔާ ދިނުމަށާއި، މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް އިނާޔަތު ފައިސާ ދޭއިރު އެ މުވައްޒިފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތް ދިނުމަށާ އެހެން ވަޒީފާތައް އަދާކުރާ އޮފީހަކުން އިނާޔަތު ފައިސާ ނުދިނުމަށް ވެސް އަންގާފައި ވެއެވެ.

އިނާޔަތު ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒިފެއްގެ އަތުން ހޯދަން ވަނީ މިނިސްޓަރު އަންގަވާފައި ވެއެވެ.

އަދި ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒިފުންނަށް އެ މުވައްޒިފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭންވާނެ ކަމަށް ބުނެފައިވާއިރު ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގަ އާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒިފުންނަށް އިނާޔަތް ހަމަޖައްސައިދިނުމަށް ވެސް އަންގާފައި ވެއެވެ.